ތިނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މާލެ ގެންދިއުމަށް ސީ ޕްލޭން ތިނަދޫގައި
ތިނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މާލެ ގެންދިއުމަށް ސީ ޕްލޭން ތިނަދޫގައި
ގދ. ތިނަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމުން އެރަށު ރައްޔިތުން ނިކުމެ އެރަށަށް އެރުން މަނާކުރި ބަލި މީހާ މާލެ ގެންނަން ނިންމައިފިއެވެ.

ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހާއެވެ. ގދ. އާއި ގއ. އަތޮޅަށް ޚާއްސަ ކޮވިޑް ފެސިލިޓީ ގާއިމްކޮށްފައިވަނީ ވިލިނގިލީގައެވެ. އެމީހާ ވިލިނގިއްޔަށް ގެންގޮސް ފަރުވާ ދިނުމުގެ ތައްޔާރީތައް ވެސް އެ ފެސިލިޓީގައި ވަނީ ވެފައެވެ. ނަމަވެސް ރަށު ރައްޔިތުންގެ ނުރުހުމާއެކު އެމީހާ ރަށަށް ނޭރުވުމުން އަނބުރާ ތިނަދޫއަށް ގެންގޮސްފައިވަނީ ވިލިނގިލީ ފަޅު ތެރޭގައި ލޯންޗުގައި ތިން ގަޑިއިރެއްހާއިރު މަޑުކުރުމަށްފަހުއެވެ.

އެމީހާއަކީ ހައިރިސްކް ޕޭޝަންޓަކަށް ވުމާއެކު އެމީހާއަށް ފަރުވާ ދެވެން އޮތް ގޮތަކީ މާލެ ގެނެސްގެން ކަމަށްވާތީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެމީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއަދު ހިނގާދިޔަ މި ޙާދިސާއާއި ގުޅިގެން ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރުމަށް ހުވަދު އަތޮޅަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.

މަޑެވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ބަލި މީހާ ތިން ގަޑިއިރު ވަންދެން ފަޅު ތެރޭގައި އޮންނަން ޖެހުނުއިރު ފުލުހުންނަށް މިކަމުގައި ފިޔަވަޅެއް ނޭޅިދިއުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މުޒާހަރާ ކުރަން ތިބި މީހުން ބިޑި އަޅުވައިގެން ހައްޔަރުކޮށްގެން ވިޔަސް ބަލި މީހާއަށް އެ ދޭން ޖެހޭ ފަރުވާ ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް މީހެއްގެ ސިއްހީ ހިދުމަތަށް ހުރަސް ނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ދެރަވެފައި ވަރަށް ދެރަ ކަމެއް، މިކަން ހިނގައިދިޔަ ގޮތެއް ބަލައި ހުރަސް އެޅި މީހުންނަށް ހަރުކަށި އަދަބު ދޭން ގޮވާލަން، އަދި ހުވަދޫ ރައްޔިތުންގެ ނަމުގައި ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރުމަށް ވެސް ގޮވާލަން." ފިރުޝާން ވިދާޅުވިއެވެ.



މި މައްސަލާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވީ ވިލިނގިލީގައި ފެސިލިޓީ ހެދުމުގެ ސަބަބުން މުޅި ހުވަދޫ ރައްޔިތުން ކޮވިޑް ފެސިލިޓީއިން މަހުރޫމްވެގެން ދިޔައީ ކަމަށެވެ. އެހެންކަމުން އެ ފެސިލިޓީ ތިނަދޫ ނުވަތަ އެހެން ރަށަކަށް ނަމަވެސް ބަދަލު ކުރަން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ތަނެއްގައި ދައުލަތުގެ އެއްވެސް އިދާރާއެއް ބެހެއްޓިގެން ނުވާނެ، މިހާރުން މިހާރަށް ބަދަލުކޮށް އެހެން ތަނެއްގައި ހިދުމަތް ދިނުމަށް ފަށަން ގޮވާލަން." ސަނީފް ވިދާޅުވިއެވެ.

އަދި ކޮވިޑް ޕޭޝަންޓަކު ރަށަށް ނާރުވާ ނުހިފެހެއްޓޭނެ ކަމަށާއި އެތަނަކީ ވިލިނގިލީ ތަނެއް ނޫން ކަމަށާއި އެއީ އަތޮޅުގެ ރައްޔިތުންގެ ތަނެއް ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން