ބައްޕައާއި ބައްދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނޯޓުކޮޅެއް ދިން ކުއްޖާގެ ބައްޕައާއި ބައްދަލުކުރެވޭގޮތް ހަމަޖެއްސީ އޮންނަ އުސޫލުގެ ތެރެއިންކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ތުއްތު ކުއްޖާ ރައީސަށް ދިން ގަނޑުކޮޅެއްގައި، އެ ކުއްޖާގެ ބައްޕަ މަތިން ހަނދާން ވާކަމަށް ލިޔެފައިވުމުންނާއި، އެ ކުއްޖާއަށް އުމުރުން އެއް އަހަރުން ފެށިގެން ބައްޕަ ރަށުން ބޭރުގައިވުމުން، ރައީސް އެ ރަށަށް ވަޑައިގަތުމުގެ ކުރިން އެކަން ހަމަޖެހޭތޯ ބެއްލެވުމަށް ރައީސް ބޭނުންފުޅުވީ ކަމަށެވެ.

އެގޮތުން ތުއްތު ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ކަމަށް ވުމުން އެވަގުތަށް އެކަން ފުލުހުންގެ ޚިދުމަތުން ހަމަޖައްސައިދިން ކަމަށް ޝިފާން ވިދާޅުވިއެވެ. ޝިފާން ވިދާޅުވީ އެކަމުގައި ފުލުހުންގެ މުވައްޒަފުންނާމެދު އަމަލުކުރަމުންދާ އުސޫލުތަކާއި ތަފާތުގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގއ ކަނޑުހުޅުދޫއަށް ވަޑައިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސަފުގައި ހުރި އުމުރުން ތިން އަހަރުގެ އާޔަލް ބިން އަލީ ސައީދު އާއި ސަލާންކުރެއްވުމުން އެކުއްޖާ ރައީސަށް ވަނީ އޭނާގެ ބައްޕަ މަތިން ހަނދާންވާ ވާހަކަ ނުވަތަ "އައި މިސް މައި ޑެޑީ" މިހެން ލިޔެ ނޯޓެއް އަރުވާފައެވެ. ނޯޓުކޮޅު ފެނިވަޑައިގަތުމާއެކު ބައްޕަ ކޮބައިތޯ ރައީސް އެއްސެވުމުން އާޔަލްގެ ކައިރީގައި ހުރި އޭނާގެ މަންމަ އައިޝަތު ހުޒާމާ ބުނެފައިވަނީ އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ އެހެން ރަށެއްގައި ކަމަށެވެ. މިއާއި އެކު ރައީސް އެމަނިކުފާނުގެ ސެކެޓްރީއަށް ވަނީ އާޔަލްއަށް އޭނާގެ ބައްޕައާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެެއްވުމަށް އަންގަވާފައެވެ.

އާޔަލްގެ ބައްޕަ ސާޖަންޓު އަލީ ސައީދު ޑިއުޓީ ކުރަމުންދިޔައީ ގއ އަތޮޅާ ޖެހިގެން އޮންނަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގައި ކަމަށްވާތީ ރައީސްގެ އެދިވަޑައިގަތުމަށް ފުލުހުން ވަނީ ސާޖަންޓު އަލީ ސައީދު އެވަގުތު އެރަށަށް ދިޔުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. ރައީސް ކަނޑުހުޅުދޫ އިން ވަޑައިގަތުމުގެ ކުރިން އާޔަލްއާއި އޭނާގެ ބައްޕަ ވަނީ ރައީސްގެ އަރިހަށް ވަޑައިގެން އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން