އުމްރާވެރިންނާމެދު އިހްމާލުވި ހިޖުރަ ގްރޫޕްގެވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި ރާއްޖެއިން އުމްރާއަށް ދިޔަ ބަޔަކަށް ރާއްޖެ ނާދެވި، ތَާށިވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ކުންފުނީގެ ހަވާލުގައި 24 މީހަކު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް ތިބި ކަމަށާއި އެމީހުން ރާއްޖެ އެނބުރި އަންނަން ޓިކެޓް އަދިވެސް ހަމަޖެހިފައި ނުވާ ކަމަށް ބައެއް މީޑިޔާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އަލްހިޖްރަގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އުމްރާވެރިންނާއި ގުޅުއްވައި އެފަރާތްތަކުގެ ހާލު ބައްލަވާފައިވާ ކަމަށެވެ. އަދި އުމްރާވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް އެމީހުން އެނބުރި ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މައްކާގައި މިވަގުތު ހަރަކާތްތެރިވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށެވެ.

"އުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނަން." ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ނުތިބޭނެ ކަމަށެވެ. އަދި ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން