ދައުލަތުގެ ނެޓް ފައިނޭންސިން އަށްވުރެ އިތުރަށް ބޮންޑު ވިއްކުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ވިއްކުމަށް މަސައްކަތްކުރަމުންދާ ޓްރެޝަރީ ބޮންޑްގެ ސަބަބުން ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވެދާނެތީ އެކަމުގެ ލަފަޔަކަށް އެދި އެމްއެމްއޭއިން މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް ރައްޔިތުމުގެެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި ދައުލަތުގެ ބަޖެޓުގައި ބޮޮންޑު ވިއްކައިގެން ހޯދުމަށް ކަނޑައަޅާފައިވާ އާމްދަނީ އަށްވުރެ އިތުރަށް ބޮންޑު ވިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ޖެހޭތޯ ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

އަދި އެއަށްވުރެ އިތުރަށް ދަރަނި އިތުރުކުރެވޭނީ ކިހާ މިންވަރަކަށްތޯ ސާފުކޮށްދިނުމަށްވެސް ގަވަރުނަރު ވަނީ އެދިވަޑައިގެންފައެވެ.

ދައުލަތުގެ ބަޖެޓުގައި، 2018 އިން 2022 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 4.26 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ހިމަނައިފައެވެ. އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑާއި ޓީބިލު ވިއްކައިގެން 930 މިލިއަން ރުފިޔާ ހޯދަންވެސް ވަނީ ހިނަމައިފައެވެ.

ގަވަރުނަރުގެ ސިޓީގައި ވިދާޅުވީ ސަރުކާރުގެ ސެކިޔުރިޓީސް އިޝޫ ކުރުމުގައި ބަލަނީ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގައި ބޮންޑާއި ސުކޫކު ވިއްކައިގެން ހޯދާ ފައިނޭންސް އަށްވުރެ އިތުރު ނުވާނެހެން އިޝޫ ކުރުމަށް ކަމަށެވެ.

ނަމަވެސް އެސްބީއައި އަށް އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ ބޮންޑު އިޝޫކޮށްފިނަމަ ދަރަނި އިތުރުވާނެކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ބަޖެޓުގައިވާ ނެޓް ފައިނެންސިންގެ އަދަދު ކަމުގައިވާ 6.44 ބިލިއަން ރުފިޔާ އަށްވުރެ އިތުރަށް ސަރުކާރަށް ދަރަނި ނެގިދާނެ ކަމަށާއި ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސިން މިއަދަދަށް ދަށްކޮށްފިނަމަ ބަޖެޓާ އެއްގޮތަށް އަމަލުކުރެވުނުކަމަށް ބެލެވިދާނެ ކަމަށް އެޓާނީ ޖެނެރަލް ލަފާދީފައިވާ ކަމަށްވެސް ގަވަރުނަރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މިމައްސަލައިގައި މަޖިލީހުން ފާސްކޮށްފައިވަނީ ސަރުކާރުން އެދިފައިވާ ގޮތަށް ބޮންޑް ވިއްކުމުގެ ހުއްދަ ދިނުމަށެވެ. އަދި ދައުލަތުގެ ބަޖެޓްގެ ނެޓް ފައިނޭންސިންގ 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނޭ ގޮތަކަށް ހިފެހެއްޓުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން