މަސްލަހަތު ހިމެނޭކަމަށް ވިދާޅުވި މެމްބަރާއިއެކު ސީއެސްސީއަށް 4 މެމްބަރަކު އައްޔަންކޮށްފިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީން ސީއެސްސީއަށް ކަނޑައަޅާ 4 މެމްބަރަކަށް ތްރީލައިން ވިޕެއް ނެރަފައިވަނީ ޝޯޓް ލިސްޓު ކުރި 13 ނަމުގެ ތެރޭގައި މަސްލަހަތު ހިމެނޭ ނަމެއް އޮތްކަމަށްބުނެ އެމައްސަލަ މަޖިލީހުގެ އިމްތިޒާޔާއި ސުލޫކް ކޮމިޓީންވެސް ބަލާފައި ވަނިކޮށެވެ.

މަޖިލީހުން ރުހުން ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތުގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވާފައިވާ އިބްރާހިމް ރަޝީދެވެ.

ސީއެސްސީއަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވި ބޭފުޅުންނަށް ވޯޓްލިބުނުގޮތް:-

- ފާތިމަތު ޝަރީފާ: 66 ވޯޓް

- މުހައްމަދު ނާސިހް: 67 ވޯޓް

- މުހައްމަދު ފަރުޝަތު: 65 ވޯޓް

- އިބްރާހިމް ރަޝީދު: 65 ވޯޓް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން