މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިިދާޅުވެެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން އެކުލަވާލައްވާފައިވާ ބަޖެޓު މިއަހަރު ތަންފީޒުކުރާއިރު މިއަހަރާއި އަންނަ އަހަރު ވެގެންދާނީ އެމަނިކުފާނު ރާއްޖޭގެ ރަށްތަކަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ މަސައްކަތްތައް ފެށިގެންދާނެ ދެ އަހަރަށް ކަމަށެވެ.

އަދި މި ވައުދުތައް ފުއްދަވާނީ ރައްޔިތުންގެ މަޝްވަރާއާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ގިނަ އުއްމީދުތަކާއެކުގައި ކަމަށާއި އެ އުއްމީދުތައް ހަގީގަތަކަށް ހައްދައިދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެ ކަމަށް ރައްޔިތުން ޔަގީންކުރުމަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

"ރައްޔިތުން ތިބީ ވަރަށް އުއްމީދުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެދެނީ ވެސް އުއްމީދު ކުރުމުގެ އިތުރުން ހަމަ ޔަގީން ކުރެއްވުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވީ ގޮތަށް ޖަލްސާތަކުގައި ދެންނެވިގޮތަށް އެ ހުރިހާ ކަމެއް އަޅުގަނޑު ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން