ބަލިމީހާ ވިލިނގިއްޔަށް ނޭރުވުމުން އަނބުރާ ތިނަދޫއަށް ގެންގޮސް މޯލްޑިވިއަން ސީ ޕްލޭންގައި މާލެ ގެނައުމަށް މަސައްކަތް ކުރަނީ
ބަލިމީހާ ވިލިނގިއްޔަށް ނޭރުވުމުން އަނބުރާ ތިނަދޫއަށް ގެންގޮސް މޯލްޑިވިއަން ސީ ޕްލޭންގައި މާލެ ގެނައުމަށް މަސައްކަތް ކުރަނީ
ގދ. ތިނަދުއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވުމުމަކީ ނާތަހުޒީބު އަދި ލާއިންސާނީ ކަމެއް ކަމަށް ސިފަކޮށް އެކަން ކުރި އެންމެން ހޯދައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގއ. އަތޮޅު ކައުންސިލުން މިއަދު ގޮވާލައިފިއެވެ.

ހުވަދު އަތޮޅުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޯވިޑް-19 ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު ހެނދުނު 11:30 ހާއިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެންދިޔުމުން ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި ބަޔަކު މުޒާހަރާ ކުރުމުން ބަލި މީހާ ވަނީ އަނބުރާ ތިނަދޫއަށް ގެންގޮސްފައެވެ.

ކޮވިޑް ހައިރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ އެމީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ތިނަދުއިން ޕޮޒިޓިވްވި މީހާ އަކީ 68 އަހަރުގެ މީހެކެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ފަރުވާދޭން ޖެހެނީ ފެސިލިޓީތަކުގައި ބައިތިއްބައިގެންނެވެ.

އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ބަލިމީހަކު މިއަދު ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ކުރި މަސައްކަތަށް ހުރަސްއަޅައި، ބަލިމީހާ ވިލިނގިއްޔަށް އަރުވަން ވިލިނގިލީގެ މަދު ބަޔަކު ނުކުމެ، މަސައްކަތް ކޮށްފައިވާތީ އެކަން އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީ ތަކުން ވެސް، ހުވަދުއަތޮޅުން ކޯވިޑް-19 އަށް ޕޮޒިޓވްވާ ބަލިމީހުންނަށް ފަރުވާދެވެން ޖެހޭނެ ކަމަށާއި އަދި މިހާރު ހަމަޖެހިފައިވާ އުސޫލުން ކޯވިޑް-19 އަށް ފައްސިވާ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، މި ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާދޭން ޖެހޭނީ ކޮވިޑަށް ހާއްސަ ކުރެވިފައިވާ ފެސިލިޓީއެއްގައިކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިއަދު ވިލިނގިލީގައި މަދު ބަޔަކު ނުކުމެ ހިންގާފައިވާ ނާތަހުޒީބީ އަދި ލާއިންސާނީ އަމަލު ކުށްވެރިކޮށް، މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އެމީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." ކައުންސިލްގެ ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، އާންމު ސިއްހަތުގެ ނިޒާމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން