2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ސަރުކާރަށް 2.33 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެއެވެ.

ޑިސެންބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ލިބުނު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މިއީ ޑިސެންބަރު ގައި އެ އޮތޯރިޓީއަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.1 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މަތިވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

ޑިސެންބަރު 2024 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.7 އިންސައްތަ އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރުން ވެސް އެއީ އެ މުއްދަތުގައި މީރާއަށް ލިބުނު އާމްދަނީ އިތުރުވި އެއް ސަބަބެވެ.

ނިމިދިޔަ ޑިސެންބަރު މަހަށް ކުރިން އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 20.1 އިންސައްތަ އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ ތަކުގެ ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުނެއެވެ.

ޑިސެމްބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 57.34 އިންސައްތަ ނުވަތަ 1.33 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައެވެ. އެއީ 16.25 އިންސައްތަ ނުވަތަ 378.55 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ، އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން