ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި ދައުލަތުން އެއްވެސް ފަރާތަކަށް މާލީ ލުޔެއް ނުވަތަ މައާފެއް ނުދެވޭނެ ގޮތަށް ދަޢުލަތުގެ މާލީ ވުޒާރާއިން އުސޫލެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.

މާލީ ވުޒާރާއިން ގެޒެޓް ކޮށްފައިވާ "ދައުލަތުގެ އޮފީސްތަކާއެކު އެކިފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއިދިނުމާއ، މަންފާ ހޯދައި ދިނުމާއި ފައިސާ މައާފުކޮށް ދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ވަނީ، ދައުލަތުގެ އޮފީސްތަކުންނާއި ކައުންސިލުތަކުން ހިންގާ މުއާމަލާތްތަކާ ގުޅިގެން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް އެއްވެސް މީހަކަށް ދެވޭނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

އެގޮތުން ކައުންސިލްތައް ފިޔަވާ ސަރުކާރުގެ އިދާރާތަކުން އެއްވެސް މާލީ މުއާމަލާތަކަށް ލުޔެއް ހޯދާނަމަ އެކަން ކުރަންޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސްގެ ހުއްދައާއެކުއެވެ.

ހަމައެއާއެކު ލުއި ދިނުމަށް ނުވަތަ މަންފާ ހޯދައިދިނުމަށް ނުވަތަ މައާފު ކޮށްދިނުމަށް ބޭނުންވާ މުއާމަލާތުގެ ފުރިހަމަ ތަފުސީލާއި ވަކިވަކި ޝަރުތުތަކާއެކު އޭގެ ތަފްސީލުވެސް ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ދައްކަން ޖެހޭ ކުއްޔާއި، ޖޫރިމަނާ، އަދި އިންޓަރެސްޓަށްވެސް ދެން ލުއި ދެވޭނީ ރައީސްގެ ހުއްދަ ލިބިގެންނެވެ. އެހެންކަމުން ލުޔަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލުއިދޭން ފެންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާ ފަރާތްތަކަށް ލުއިދިނުމާމެދު ފަހު ބަސް ބުނާނީ ރައީސް އެވެ.

އުސޫލުގައި ވާގޮތުން ކައުންސިލްތަކުން އެފަދަ ގޮތަކަށް މާލީ ކަމެއްގައި ލުޔެއް ދެވޭނީ މާލީ ގޮތުން ލިބޭ ގެއްލުން ބަލައި، އެސެސް ކުރުމަށްފަހު އެ ކައުންސިލަކުންނެވެ.

އަދި އެފަދަ ނިންމުމެއް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި އެކަން ލޯކަލް ގަވަނަންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ. އަދި އެކަމުގެ ރެކޯޑުތައް އެ މިނިސްޓްރީން ބަލަހައްޓަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން