މިއަދު ހުޅުވި ފުލުހުންގެ އިމާރާތުންވެސް ރައީސް ޔާމީނާއި، ޕީޕީއެމް ޕީއެންސީއަކީ ބިނާކުރަނިވި ފިކުރެއްކަން ހާމަވެގެން ގޮސްފައިވާކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިމާރާތްކުރި، ފުލުހުންގެ އާ ޕޮލިސް ސްޓޭޝަން މިއަދު ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. ހުޅުމަލޭގައި އަލަށް އިމާރާތް ކުރި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. އަދި އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން 14ގައެވެ. މި އިމާރާތަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ހުޅުމާލެއަކީ އަމާން ތަނަކަށް ހަދައި ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ އިމާރާތެކެވެ.

މި އިމާރާތާއި ގުޅޭގޮތުން ޑރ.ޖަމީލް ވިދާޅުވީ ޤައުމުގެ ތަރައްޤީއާއި، މުއައްސަސާތަކަށް ގެންނަންޖެހޭ ތަރައްޤީގެ ޕްލޭނެއް ޤައުމުގެ ވެރިންގެ އަތުގައި އޮންނަންޖެހޭކަމަށެވެ. މިއަދު ހުޅުވި ފުލުހުންގެ އިމާރާތުންވެސް ޕީޕީއެމް، ޕީއެންސީއަކީ ތަރައްޤީއާއި ބިނާކުރަނިވި ފިކުރެއްކަން ހާމަވެފައިވާކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"ޤައުމީ ތަރައްޤީގެ ތަޞައްވަރެއް ލީޑަރުން އަތުގައި އޮންނަންޖެހޭ. ފުލުހުންގެ ތަރައްޤީއަށް ރައީސް ޔާމީން ކޮށްދެއްވި މަސައްކަތް މިއަދު ހުޅުވުނު އިމާރާތުންވެސް ފެނިގެންދޭ. ޕީޕީއެމް/ޕީއެންސީއަކީ ބިނާކުރާ ފިކުރު. ހުޅުޖަހައި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 8 ފެބްރުއަރީގަ." ޑރ.ޖަމީލް ވިދާޅުވިއެވެ.

މިއަދު ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަކީ އަބަދުވެސް ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް އެކި އުނދަގޫތައް ކުރިމަތި ކުރަމުންދާ ޕާޓީއެއްކަމަށް ޖަމީލް ވިދާޅުވިއެވެ. ޤައުމުގެ ސަލާމަތީ ބާރުތަކުގެ ހިދުމަތާއި، އެބޭަފުޅުންގެ ދައުރު އެމްޑީޕީއަށް އޮޅުން ފިލުވައި ދޭންޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެމްޑީޕީގެ ލީޑަޝިޕުން ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް އަނިޔާކުރުމަށް ގޮވައި ހިންގާފައިވާ ކަންކަމަށް ފުލުހުންނާއި ސިފައިންގެ ކިބައިން މަޢާފަށް އެދެންޖެހޭ. މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށްވެސް ފުލުހުންގެ ޚިދުމަތުގެ މުޙިންމުކަން އުނގަންނައިދޭންޖެހޭ." ޑރ.ޖަމީލް ވިދާޅުވިއެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި ފުލުހުންގެ އިމާރާތަކީ 27 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތަކީ ތޭވީސް ހާސް ދުއިސައްތަ ފަންސަވީސް އަކަފޫޓުގެ ބޮޑު އިމާރާތެކެވެ. 3 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ފުލުހުންގެ މި އިމާރާތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އިމާރާތް ނިންމާފައި ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖާގައިގެ ގޮތުންވެސް ތަނަވަސް އިމާރާތެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޢީސްމާއިލް ޝާރީފު

04-Sep-2020

ޖަމީލު އެންޑީޕީ މަޢާފައް އެދެން ޖެހެނީ ކަލޭމެން ހަރާމް ބަގާވާތް ކުރީމާތަ ލަދުކޮބާތަ؟؟



ޓްރެންޑިން