ސަރުކާރުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން، ކުރެވޭ ކަންކަން ރަނގަޅު ކުރުމަށް މަޖިލީހުގެ ދައުރު ދަންމާލުމަކީ ކުރެވޭ ބޭކާރު ޚަރަދުތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދެންމުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޖިލީހުގެ ދައުރު ދަންމާލުމަކީ ގަބޫލު ކުރެވޭ ކަމެއްކަމަށެވެ.

ނަމަވެސް ޤާނޫނީ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އެކަށީގެންވާގޮތަށް އެކަންކަން ނުކުރެވި ސަރުކާރުން ހާވާ ހަޑި ފިލުވުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް ދައުރު ދަންމާލައި ބޭކާރު ފައިސާ ޚަރަދު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. ޤައުމުގެ އިޤްތިޞާދު ބޮޑު އަނދަވަޅެއްގައި ވަނިކޮށް ބޭކާރު ހަރަދު ހިނގާނެ ގޮތަކަށް މަޖިލީހުން ވެސް މަސައްކަތް ބައްޓަންކޮށްގެން ނުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ ދައުރު ދަންމާލުން އޯކޭ. އެކަމަކު ޚަރަދުތައް ކުޑަކުރަންޖެހޭ ވަގުތެއްގައި، ސަރުކާރުން ހަދާ ހަޑި ފިލުވަން މަޖިލިސް ގެ ދައުރު ދަންމާލަން ޖެހުމުން ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުތަކެއް ހިނގާ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޑރ. މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ފުރަތަމަ ކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާ ފުރަތަމަ ކުރެއްވި ހުވާގެ ސައްހަ ކަމާ މެދު މަޖިލިސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެހެންވެ، ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް މިިދިޔަ ބުދަ ދުވަހު އަލުން އެމައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލިއެވެ. އޭގެ ފަހުން ކޮމިޓީން ނިންމާފައި ވަނީ، އެ މައްސަލައިގައި އެއްވެސް ޝައްކެއް ނުބޭއްވުމުގެ ގޮތުން އޭނާ އަލުން ހުވާ ކުރުމަށް ރައީސް އޮފީހަށް ލަފާ ދިނުމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓަށް ވޯޓަށް ނާހަނީސް އިއްޔެ މައުސޫމު ވަނީ އަލުން މަގާމުގެ ހުވާ ކުރައްވާފައެވެ.

މައުސޫމް މަޤާމާއި ހަވާލުވިތާ 16 ދުވަސްފަހުން އަނެއްކާވެސް މަޤާމުން އިސްތިއުފާ ދެއްވައި އަލުން މަގާމުގެ ހުވާކުރައްވާފައިވާއިރު މައުސޫމަށް ރުހުން ދިނުމަށް ބާއްވާ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހުސްނާ

02-Sep-2020

ކަލޭގެ ހިތައް ތަދުވަންޏާމް ދައްދޮޅި ދައްން މާލާ



ޓްރެންޑިން