ސަރުކާރު އިދާރާތަކުގައި ހިޔާނާތް ހިންގާއިރު އެކަންކަން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަންޖެހޭކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމުރު ވިދާޅުވެއްޖެއެވެ.

ފޭސްބޫކްގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަށް އެޑްރެސް ކުރައްވައި އަމުރު ލިޔުއްވި ދިގު މެސެޖެއްގައި ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި ގައުމުގައި ހިނގާ މުހިންމު މައްސަލަތަކާ މެދު ހެޔޮ ނަސޭހަތާ އިރުޝާދު ދިނުމަކީ އިސްލާމިކް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެގޮތުން، މި ހަފްތާގައި ރައްޔިތުންނަށް އެންމެ ބޮޑު ކަންބޮޑުވުމަކާ ސިހުމެއް ގެނުވި އެއްކަމަކީ ވެރިކަންކުރާ ޕާޓީއަށް ގިނަ އަދަދެއްގެ ރައްޔިތުން އެބޭފުޅުންގެ އިހުތިޔާރަކާ އިނގުމަކާ ނުލާ ވެއްދުމަށް ފޯމްތަކެއް ފުރާ ހުށަހެޅި މައްސަލަ ކަމަށާ، އަދި މިކަމަށް ސަރުކާރުގެ އިދާރާއެއް ބޭނުން ކޮށްފައިވާއިރު ބޭނުން ކޮށްފައިވަނީ ދައުލަތުގެ މުދާކަމަށް އަމުރު ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަމަށް ސަރުކާރުގެ އިދާރާގެ ޖާގައާ، އެތަނުގެ ކަރަންޓާ، އެހެނިހެން ރައުސުލްމާކު ބޭނުންކުރުމަކީ ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވުން ކަމަށާއި ސަރުކާރުގެ މުވައްޒަފުން ލައްވާ މިފަދަ މަސައްކަތްކުރުވުމަކީ ވެސް ހިޔާނަތްތެރިވުންކަމަށް އަމްރު ވިދާޅުވެފައިވެއެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓްގެ ގޮތުގައި ވާދަކުރެއްވި އަމުރު މިހެން ވިދާޅުވެފައި މިވަނީ، ގިނަ ބަޔަކަށް ނޭނގި އެމީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ޕީއެންސީއަށް ފޯމްތައް ފުރުވި މައްސަލަ ފެންމަތިވެފައިވާތީ އެކަމަށް ނިސްބަތްކޮށެވެ.

"ސަރުކާރުގެ އިސް ބޭފުޅުން މިކަމުގައި ޝާމިލު ވުމަކީ ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާއާ ކޮށްފައިވާ އިތުބާރަށް ޚިޔާނަތްތެރިވުމެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތު ވަނީ ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް މިފޯމްތައް ހުށަހެޅުމަކީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމެވެ. މިހާލަތަށް ކަންކަން ދިއުމުން، ހުރިހާ ހެއްކެއް ފެންނަން ހުރެމެ މިކަމާ އަޅާނުލާ ސަމާލުކަންކުޑަ ކުރުމަކީ، އިތުރަށް ގައުމުގެ ހާލަތު ބޮއްސުން ލައިގެން ދިއުމަށް މިސްރާބުޖެހުމެވެ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ނަގަހައްޓަން ކުރާ މަސައްކަތުގައި އެންމެ މުހިންމު އެއް ކަމަކަށް ވާންޖެހޭނީ މިފަދަ ގޯހުން ދާކަންކަން ހެޔޮމަގަށް އެޅުވުމަށް ބާރުއެޅުން ކަމަށާއި އަދި މިއީ ކިހާ ބޮޑެތި ގޯސްކަން ކިޔައިދީ އިސްލާހުކުރަން މަސައްކަތްކުރުން ކަމަށެވެ.

އަދި މާދަމާއަކީ ހުކުރު ދުވަސް ކަމަށްވާއިރު، ހުކުރު ޚުތުބާގައިވެސް މިކަމަށް އަލިއަޅުވާ ނަސޭހަތްތެރިވެ، ރައްޔިތުންނަށް މިފަދަ ޚިޔާނާތްނުވުމަށް އިލްތިމާސްކުރުމަކީ އިސްލާމިކް މިނިސްޓްރީއިން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭކަމަށް ވެސް އަމްރުވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން