އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ ބޮޑެތި ކުރިއެރުންތަކެއް ލިބުނު ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅަކީ ގިނަ ކުރިއެރުންތަކެއް ލިބި ހިތްވަރުވެސް ލިބިވަޑައިގެންނެވި ދަތުރުފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގައި އެސްޓޯނިއާއާ ގުޅިގެން މަސައްކަތްކުރުމުގެ އާ ބާބެއް ފެށިފައިވާ ކަމަށެވެ.

އެގޮތުން، ޑިޖިޓަލައިޒޭޝަންގެ ދާއިރާއާއި ތިމާވެށި އަދި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ދިޔަކަން ރައީސްގެ ޕޯސްޓްގައި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ވަރުގަދަ ހާމަކަންބޮޑު ވެރިކަމެއް ކުރުމަށް އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލަކީ ބައިނައަލްގުވާމީ ރަނގަޅު ބެންޗްމާކެއް ކަމަށާއި އެކަންކަން ދަސްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން އުފާފުޅުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަކީ އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން