ވޮޑަމުލާ ރިސޯޓެއްގެ ގޮތުގައި ކުއްޔަށްދިނީ އެމަނިކުފާނުގެ ވެރިކަމުގައި ނޫންކަމަށާއި، ގޯސް މުއާމާލާތެއް ހިނގާފައިވާނަމަ މިމައްސަލަ އިސްތިއުނާފު ނުކުރެއްވީސް ކަމުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމިނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަންޑޮލަރަކީ ގއ.ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށް ހައިކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އިސްތިއުނާފް އަޑު އެހުމުގުގައި ރައީސް ޔަމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ރިސޯޓް ކުއްޔަށް ދީފައިވަނީވެސް އެމަނިކުފާނުގެ ވެރިކަމުގައި ނޫންކަމަށެވެ.

ރައީސް ޔާމީން ވަނީ މިއަދުގެ ޝަރީއަތުގައި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ މުއާމަލާތް ހިންގުމުގައި އެއްވެސް ގޯހެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެކަމުގައި ގޯހެއް ހެއްދެވި ނަމަ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުވެސް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭ ގޮތުން އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފު ފުލުހުންނަށް ދީފައި އޮތް ބަޔާނުގައި ވޮޑަމުލާގެ ފައިސާ ހޯދަން ރައީސް ޔާމީނަށް ގުޅި ވާހަކައެއް ބުނަފައެއް ނެތްކަމަށާއި، އަދި އަހުމަދު އަދީބު އަތުގައި ރައީސް ޔާމީނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން، އެ ފޯނު ކޯލަށްފަހު އައްލާމް ލަތީފަށް އެނގުނުކަން އޭނާގެ ބަޔާނުން އެނގޭކަމަށް ޔާމީން ވިދާޅުވިއެވެ.

" ފޯނު ކޯލު ނިންމާލުމަށްފަހު ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދޭށޭ، އަހުމަދު އަދީބު ބުނި ކަންވެސް އެ ބަޔާނުންވެސް އެނގޭ. ދެން އަޅުގަނޑަށް ލިބެންޖެހޭ ފައިސާއެއް ހޯދަން، އަޅުގަނޑު ގުޅިއިރު ކިހިނެއްތޯ އަޅުގަނޑަށް އެނގޭނީ އަޅުގަނޑަށް އެ ޖަމާކުރީ ވޮޑަމުލާގެ ލާރި ކަމެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާވީ، ރިޔާސީ ލޯންޗުކޮޅުގައި 2015 ވަނަ އަހަރުގެ ފަހުކޮޅު އެއްޗެއް ގޮއްވައިލުމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ދުވަސްވަރެއްގައި ކަމަށް ވާއިރު، އެފަދަ ދުވަސްވަރެއްގައި ގާނޫނާ ޚިލާފު ފައިސާއެއް ހޯދަން އަދީބުގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގެންނަވާފާނެ ކަމަށް ބުއްދީގެ ހަމަތަކުން ވެސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އެސްއޯއެފް އަކީ އެތައް ސައްހަ މުއާމަލާތުތަކެއް ހިނގަމުން އައި ކުންފުންޏެއް ކަމަށް ވާތީ، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރީ ވޮޑަމުލާގެ ފައިސާކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީން ވެސް އިންކާރު ނުކުރައްވާތީ، އެ މައްސަލައިގައި ސުވާލު އުފެދިފައި އޮތީ މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދަ ޝައްކު ކުރެވޭ ހާލަތެއް އެ ފައިސާއާ މެދު އޮތްތޯ ނުވަތަ ނޫންތޯ ކަމާ މެދު ކަމަށެވެ. ޔާމީނަކީ އޭރުގެ ރައީސް އަދި އަދީބަކީ ނައިބު ރައީސް ކަމަށް ވެފައި އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ، އަދީބުގެ ފަރާތްޕުޅުން ފޮނުވާ ފައިސާއާ މެދު ވެސް ޝައްކު ކުރެވޭނެ ހާލަތެއް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ރައީސް ޔާމިން މިއަދު ވިދާޅުވީ އެ ފައިސާ އަކީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް މީހުން ދީފައިވާ ފައިސާގެ ތެރެއިން ބައެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ބަޔަކު ދިން ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިމުމުން ދެފަރާތުގެ އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް ނެތްނަމަ ދެން އޮންނާނީ މި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެއްކަމަށް ޤާޒީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ވަރަށް ސަޅި

04-Sep-2020

ހުދުކަފަކޮޅަކައްވުރެހުދު ޔާމީނު ނުޖެހޭނެ ދިވެހި ދައުލަތުގެ ފައިސާގައި އެކަންވަރައްރަނގަޅައްއަހަރުމެންދައްނަމު ވަޒީފާއަދާކުރިކޮންތަނެތްފޮހެބިތުނުލައްޕަނީ ދޮގުވެރިޔާ



ޓްރެންޑިން