ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: ޓުވަރިޒަމް މިނިސްޓްރީ
ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: ޓުވަރިޒަމް މިނިސްޓްރީ
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، މަސައްކަތުގެ މާޙައުލުގައި ހިންގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފުލުހުންގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވާނެކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ހުށައަޅާފައެވެ. އެ މިނިސްޓްރީގެ މުވައްޒަފުންގެ ޝަކުވާތަކާއި ގުޅިގެން އަލީ ވަހީދު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވީ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ. އޭނާ މަޤާމުން އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުން ވަކިކުރައްވާފައެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ނިމުމަކާއި ހަމަޔަށް ގޮސްފައިވާކަމަށެވެ. މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މައްސަލާގައި ކުރަންޖެހޭ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމަށް ތައްޔާރު ވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. މިމައްސަލާގައި ދައުވާ ކުރަން ފޮނުވޭނެ މީހުންނަކީ ކޮބައިކަން ސީޕީ ހަމީދު ހާމަ ނުކުރެއްވި ނަމަވެސް މިމައްސަލާގައި އެންމެބޮޑަށް ތުހުމަތު ކުރެވޭ އަލީ ވަހީދާއި މެދު ދައުވާކުރުމަށް ފޮނުވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 15 މީހަކާއި ސުވަލުކުރެވި ބަޔާން ނެގިފައިވާއިރު، ހެކި ހޯދުމަށް ބައެއްތަންތަން ބަލާ ފާސްކޮށްފައިވެސް ވެފައެވެ. އަލީ ވަހީދު މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން އެމައްސަލަ ތަހުގީގު ކުރަމުން ދާއިރު އޭގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅައިގެން ވެސް އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރެއްވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ފުލުހުން މިމައްސަލަ ބަލައި ދައުވާ ކުރަން ތައްޔާރުވަމުންދާއިރު އަލީ ވަހީދަށް ރާއްޖެއިން ނުފުރޭނެ ގޮތަށް އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ކޯވިޑް19ގެ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ހިމެނޭ ކަންކަން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ. ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތައް ފުލުހުން ބަލަމުން އަންނަކަމަށާއި، އެމައްސަލަ ބެލުމުގައި ފުލުހުންގެ ދައުރެއްވެސް އޮންނަކަމަށް ސީޕީ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން