ރާއްޖޭގެ ތާރީޚުގައި ސިޔާސީ ކަންކަން ބަދަލުވެފައިވާ ގޮތާއި، ވެރިކަންތައް ބަދަލުވެގެންއައި ގޮތް ތާރީހުގެ ތެރެއިން ކިޔައި ދިނުމަށް ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ޕާޓީގެ ބޭފުޅުންނާއިއިކު ބޭއްވި "ދެރަދުން" ފޮތް ނެރުމުގެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިލެކްޝަންސް އިން ފިޔަވަޅު އަޅަން ބާރުލިބެނީ ސިޔާސީ ހަރަކާތްތަކަށް އެކަނި ކަމަށެވެ. އަދި ފިޔަވަޅު އެޅޭނީ ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމެއް ސިޔާސީ ހަރަކާތެއްގެ ތެރޭގައި ހިނގާނަމަ ކަމަށެވެ.

ރައީސް ނަޝީދުގެ "ދެރަދުން" ފޮތް ނެރުމުގެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ނިންމަވާފައިވަނީ ކޮންގޮތަކަށް ބެލުމަށްފަހުގައިކަމެއް އޭނާ ވިދާޅެއްނުވެއެވެ. ފޮތް ނެރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި، އެޕާޓީގެ އެކްޓިވިސްޓުން ބައިވެރިވެފައިވާއިރު މި ހަރަކާތުގައި ސިޔާސީ ކުލަ ނުޖެހޭނެ ގޮތެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ރައީސް ނަޝީދުގެ "ދެރަދުން" ފޮތް ނެރުން ސިޔާސީ ހަރަކާތެއް ނޫންކަމަށް ނިންމެވި ނަމަވެސް މިހަރަކާތުގައި އިސްކޮށް ހުންނެވީ ރާއްޖޭގެ އެންމެ އިސް ސިޔާސީ ލީޑަރު ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. ރައީސް ނަޝީދު ބޭއްވެވި މި އިވެންޓުގައި އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާއި ޚިލާފަށް އެއްވެސް ގައިދުރުކަމެއް އަދި މާސްކް އެޅުމެއްނެތި ހަރަކާތްތެރިވެފައިވާ މަންޒަރު ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ދައުރުކުރަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެފައިވަނީ އެމަނިކުފާނު މާސްކް ނެންގެވީ ފޮޓޯ ނަންގަވަން ވެގެން ކަމަށެވެ.

މާސްކް ނާޅުއްވައި އިދިކޮޅުން ބޭއްވި މުޒާހަރާގައި ރައީސް ޑރ. ވަހީދު ވާހަކަ ދައްކަވާފައި ވަނިކޮށް އެމަނިކުފާނު އެޗްޕީއޭގެ ގަވާޢިދާ ޚިލާފު ވެގެން ކަމަށް ބުނެ ފުލުސް އޮފީހަށް ހާޒިރު ކުރުމުން ޑރ. ވަހީދު ވިދާޅުވެފައިވަނީ މާސްކް ނެންގެވީ ވާހަކަފުޅު ދައްކަވަން ދަތިފުޅުވާތީ ކަމަށެވެ.

އެޗްޕީއޭގެ މިންގަނޑާއި ޚިލާފަށް ސިޔާސީ އިސްބޭފުޅުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން ހަރާކާތްތެރިވާއިރު އެފަރާތްތަކާމެދު ފިޔަވަޅު ނޭޅޭކަމުގައިވާނަމަ މި ގައިޑްލައިނާއި ޚިލާފްވާ އާންމު ރައްޔިތުންނާއިމެދުވެސް ފިޔަވަޅު އެޅިގެން ނުވާނެކަމަށް ގިނަބަކު ދަނީ ބުނަމުންނެވެ. އަދި މި ގަވާއިދަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކު އަމަލުކުރަންޖެހޭ އެއްޗަކަށްވާނަމަ މިކަމުން ނިކުންނަ ނަތީޖާ މާގޯސްވާނެކަމަށް ގިނަބަޔަކު ދެކެއެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން