މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 ކައުންސިލަރުންގެ ތެރެއިން 8 ކައުންސިލަރުންގެ ވޯޓާއިއެކު ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް އެއްވެސް ހެއްކެއް ގަރީނާއެއްނެތް މައްސަލައެއްގެ އިންކުއަރީއެއް ގެންދާކަމަށްބުނެ އެލްޖީއޭއިން ވޯޓު ހުއްޓުވި މައްސަލާގައި ކައުންސިލަރ ފަޒީން ގިނަ ސުވާލުތަކެއް އެލްޖީއޭއާއި ކުރިމަތިކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކައުންސިލަރު ފަޒީން އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މާލޭ ސިޓީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް 16 ޖުލައި 2020 ގައި ހުށަހެޅުމުން އެޖެންޑާނުކޮށް ވޯޓު ނެގުމުގެކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމުގެ ގޮތުން 10 ދުވަހުގެ މުއްދަތެއްވެސް ދީފައިވާކަމަށެވެ.

އަދި 18 އޮގަސްޓް 2020 ގައި 8 ކައުންސިލަރުންގެ ވޯޓުން މިގޮތަށް ފާސްކޮށްފައިވަނިކޮށް ޖެހިގެން އައި 19 ވަނަދުވަހު، 16 ޖުލައި 2020 ގައި މާލޭ ސިޓީކައުންސިލަށް ހުށަހެޅި ހިގަމުންދާ އިތުބާރުނެތްކަމުގެ މައްސަލައިގައި، މައްސަލަ ރައްދުވާ އެއްފަރާތް ކަމުގައިވާ މޭޔަރ (އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިތާ 7

ދުވަސްފަހުން) 23 ޖުލައި 2020 ގައި ހުށަހަޅުއްވާފައިވާ މައްސަލައަކާގުޅިގެން އެލް.ޖީ.އޭ ގެ ބޯޑުން ނިންމަވާފައިވަނީ އިންކުއަރީއެއް ހެދުމަށްކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޤާނޫނުން ލާޒިމްކުރާގޮތަށް 28 އޮގަސްޓް 2020 ވީ ހުކުރު ދުވަހު 3:00 ގައި ވޯޓުނެގުމަށް ތައްޔާރުވެފައިވަނިކޮށް ވޯޓުނެގުމުގެ ބައިގަޑިއެއްހާއިރު ކުރިން ލިބުނު އެލްޖީއޭގެ ސިޓީގައި ބަޔާންކޮށްފައިވަނީ އިންކުއަރީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދާ ދަނޑިވަޅުގައި، ވޯޓަށް އެހުމަށް އެޖެންޑާ ކުރެވިފައިވާ އެއް ކައުންސިލަރަކު ހުށަހަޅުއްވާފައިވާ، މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުން ކުރިޔަށް ނުގެންދެވޭނޭކަމަށެވެ.

ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަކުރުމަށްފަހު މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި ވަނިކޮށް މިކަމުގައި މަސްލަހަތު ހިމެނޭ މީހުންގެ މައްސަލަތައް ބެލުމަށް ކުއްލި އިންކުއަރީއެއް އެލްޖީއޭއިން ހަދަން ފަށާފައިވާތީ ފަޒީން ވަނީ ގިނަ ސުވާލުތަކެއް އެލްޖީއަށް ފޮނުވި ސިޓީގައި ކުރިމަތި ކޮށްފައެވެ.

"އިތުބާރުނެތްކަމުގެ މައްސަލައެއް ބަލަމުން ދަނިކޮށް އިތުބާރުނެތްކަމުގެ މައްސަލަ ރައްދުވާ މޭޔަރ ޤަރީނާއެއްނެތި ހުށަހެޅުއްވި މައްސަލައެއް ކުރިއަށްގެންދަވާ، މައްސަލަ ރައްދުވާ އެއް ކައުންސިލަރަކު ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކަށް ވާތީ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުން ކުރިޔަށް ނުގެންދެވޭނޭކަމަށް ނިންމެވީ ޤާނޫނީ ކޮން ހަމަޔަކުންތޯ؟ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލުން ބަލަމުންދާ އަދި ތަފްސީލާއެކު އެލް.ޖީ.އޭ އަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި މައްސަލައިގައި ޝާމިލުވާ މޭޔަރ ހުށަހެޅުއްވި މައްސަލައެއް ކަމަށްވާތީ މޭޔަރު ހުށަހެޅުއްވި މައްސަލަ މިދަޑިވަޅުގައި ކުރިއަށް ގެންދަވަނީ ކޮން ޤާނޫނީ ހަމައަކުންތޯ؟ އިންކުއަރީގައި ބައްލަވަމުން ދާމައްސަލައާއި މޭޔަރު ލާމަރުކަޒީ ޤާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ މައްސަލައިގައި ނަގާ އިތުބާރުނެތްކަމުގެ ވޯޓުނެގުމާ އޮތީ ކޮން ގުޅުމެއްތޯ؟ އަމިއްލަނަމުގައި ހެއްކެއް ޤަރީނާއެއްނެތި މީހަކު ފޮނުވާފައިވާ ސިޓީއަކަށް ޤާނޫނުން ލާޒިމްކުރާވޯޓެއް ނެގުން ޤާނޫނުގެ ބާރުކެނޑޭގޮތަށް ހުއްޓުވާފައިވަނީ ކީއްވެގެންތޯއެވެ؟" ފަޒީންގެ ސިޓީގައި ވެއެވެ.

ފަޒީން ވިދާޅުވީ އެލްޖީއޭއިން ކުރަމުންދާ އިންކުއެރީއަށް ފުރިމައަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަމަށް ދަންނަވާފައިވާކަމަށެވެ. އަދި އިންކުއަރީއަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ނިންމި ނަމަވެސް އެލްޖީއޭގެ އެއްވެސް ސިޓީއެއް ކައުންސިލާ ހިއްސާ ކޮށްފައި ނުވާތީ އަމިއްލައަށް މައުލޫމާތު ހޯދުމަށްފަހު އެލްޖީއޭއަށް ވަޑައިގެންނެވި ފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް މިކަމުގައި ސިޓީ ކައުންސިލުން ޚާއްސަކޮށް މޭޔަރު އިސްކޮށް ހުންވައިގެން އޮޅުވާލުންތައް އޮޅުވާލަމުންދާކަމަށް ފަޒީން ވިދާޅުވެފައިވެއެވެ.

މިދެމައްސަލައަކީ ވަކި ދެމައްސަލައަކަށް ވާހިނދު މޭޔަރ އަދި ޑެޕިޔުޓީމޭޔަރ ލާމަރުކަޒީ ޤާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވަމުންދާ މައްސަލައިގައި ކަޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަކުރުމަށް ކުރަންޖެހޭކަންކަން މިނިވަންކަމާއެކު ކުރުމުގެ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ފަޒީން ވަނީ އެލްޖީއޭގައި އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން