އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށްޓަކައި ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް އެތެރޭގެ އިންތިޚާބް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްރެރިވާ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ މި އިންތިޚާބުގެ އެންމެބޮޑު މަސައްކަތަކީ އަތޮޅު ތެރޭގައާއި މުޅި ރާއްޖޭގައި ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ފުޅާކޮށް ހިންގުންކަމަށެވެ.

އިންތިޚާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިޚާބީ ކޮމިޓީގެ މެމްބަރު ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށެވެ. އިންތިޚާބީ މެމްބަރުން ކަނަޑައެޅިގެންދާނީ އާބާދީގެ ނިސްބަތުންކަމަށް ރަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބާއްވަނީ 2 އިންތިޚާބެއް. ފުރަތަމަ މިއޮތީ މުޅި ރާއްޖޭގައި ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތް ހިންގަން ސްޓިއަރިން ކޮމިޓީތަކެއް ނެގުމަށް ބާއްވާ އިންތިޚާބެއް. އެއަށްފަހު އެ ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށް އާންމު މެމްބަރުންގެ ވޯޓާއިއެކު އިންތިޚާބެއް ބޭއްވޭނެ." ރަޝީދު ވިދާޅުވިއެވެ.

އިންތިޚާބާއި ގުޅޭގޮތުން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މިއީ އިދިކޮޅު ހަރަކާތްތައް މުޅި ރާއްޖޭގައި ވަރުގަދަކޮށް ފެށުމަށް ކުރަމުންދާ އިސްލާހީ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްމަސައްކަތް ކަމަށެވެ.

އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން ރަޝީދު ވިދާޅުވީ 16 އޮކްޓޫބަރުގައި ބާއްވާ އިންތިޚާބަކީ ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް ބާއްވާ އިންތިޚާބު ކަމަށެވެ. އަދި އެއަށްފަހު ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބުވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ ބޭފުޅުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންނަށާއި އަންހެނުންނަށް ޚާއްސަ ސްލޮޓެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބާއި ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތު އެޕާޓީން މިއަދު އާންމުކުރާނެކަމަށް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން