ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެވަނަ ފަހަރަށް އެ މަގާމުގެ ހުވާ ކުރެއްވުމުން އޭނާއަށް އަލުން ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މައުސޫމަށް ރުހުން ދޭން ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އޭނާ އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވީ، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވާތީ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރައްވަން މަޖިލީހުން ވަނީ ލަފާ ދީފައެވެ.

ޑރ.މައުސޫމް އަލުން ވަޒީރުކަމުގެ ހުވާކުރައްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައި ވެއެވެ. ޑރ.މައުސޫމަށް ވަޒީރު ކަމުގެ ރުހުން ދިނުމަށް އެންމެ ފުރަތަމަ ކޮމިޓީން ނިންމައި މަޖިލީހަށް ފޮނުވި ރިޕޯޓާމެދު ޤާނޫނީ ސުވާލުތަކެއް މެމްބަރުން ވަނީ އުފައްދާފައެވެ.

ޑރ.މައުސޫމް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވި މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ޑރ.މައުސޫމް އަލުން ހުވާކުރަން ލަފާ ދެއްވުމާއި ގުޅިގެންނެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ މިމައްސަލާގައި މަޖިލީހުން ރުހުން ދެއްވާއިރު ޑރ.މައުސޫމް ހުވާކޮށްފައި ވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަކޮށްގެންތޯ ކަށަވަރު ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްލަހަތު އެކުލެވޭ ކަންކަމާއި، ވިޔަފާރިތަކުގައި ޝާމިލުވާނަމަ ވަޒީރުކަމާއި ހަވާލުވާފަހުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވާކުރައްވައި، މަޤާމުގެ ފަތްކޮޅު އެންމެ ފުރަތަމަ ހަވާލު ކުރައްވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން