ސްޕްރީމް ކޯޓުގައި ހިިިނގާދިޔަ ރައީސް ނަޝީދުގެ އިސްތިނިއުނާފު މައްސަލައިގައި ދިފާއީ ގާނޫނީ  ޓީމުގައި ހިމެނިވަޑައިގެންނެވި ބޭރުގެ ގާނޫނީ ވަކީލުންނާއެކު ރައީސް ނަޝީދުގެ ގާނޫނީ ޓީމު
ސްޕްރީމް ކޯޓުގައި ހިިިނގާދިޔަ ރައީސް ނަޝީދުގެ އިސްތިނިއުނާފު މައްސަލައިގައި ދިފާއީ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭރުގެ ގާނޫނީ ވަކީލުންނާއެކު ރައީސް ނަޝީދުގެ ގާނޫނީ ޓީމު
ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ރާއްޖެއިން ބޭރުގެ ވަކީލުންނަށް ފުރަތަމަ ފަހަރަށް ދޭން ނިންމައި، އެކަމާ ބެހޭ ގަވާއިދެއް ބާ ކައުންސިލުން އެކުލަވާލައިފި އެވެ.

ބާ ކައުންސިލުން އާންމު ކުރި ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި ވަކި މުއްދަތެއް ވަންދެން ކަމަށެވެ. ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފާމްތަކަށެވެ.

އެ ގަވާއިދުގައިވާ ގޮތުން ބިދޭސީ ވަކީލަކަށް ވަކާލާތު ކުރަން ހުއްދަ ދޭނީ އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތް ނަމަ ނުވަތަ އޭނާ ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ މީހަކު ހުރެގެންނެވެ.

މީގެއިތުރުން ހައިކޯޓުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި ތިން އަހަރުގެ ތަޖުރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމާއި ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަތަކުގައި ނަމަ ފަސް އަހަރުގެ ތަޖްރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމަަކީ ވެސް ބިދޭސީ ވަކީލުންނަށް ހުއްދަ ދިނުމުގެ ޝަރުތެއް ކަމަށް އެ ގަވާއިދުގައިވެ އެވެ.

މިހާރު އަމަލު ކުރަން ފަށާފައިވާ މި ގަވާއިދުގެ ދަށުން ބިދޭސީ ގާނޫނީ ވަކީލު ޝަރީއަތުގައި ވާހަކަ ދެއްކުމަށް ގަސްތުކުރާ ބަހުން ވާހަކަ ދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް ނުވަތަ ބިދޭސީ ގާނޫނީ ވަކީލަށް ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަން ތަރުޖަމާ ކޮށްދިނުމާއި، އަދި ދައްކާ ވާހަކަތައް ޝަރީއަތަށް ތަރުޖަމާ ކޮށްދިނުމަށް ޓަކައި ތަރުޖަމާނެއް އައްޔަނުކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ކޯޓަށް ހުށަހަޅާންޖެހެ އެވެ. އަދި ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަންޖެހޭ ކަމަށް، ބާ ކައުންސިލަށް ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ގަވާއިދުގެ ދަށުން ބިދޭސީ ވަކީލުންނަށް ހުއްދަ ދޭނީ އެއް އަހަރުގެ މުއްދަތަށެވެ. ހުއްދަ އާ ނުކުރާ ނަމަ ނުވަތަ ވަކާލާތު ކުރަން ހުއްދަ ދިން މައްސަލަ ކޯޓުން ނިމުމާ އެކު އެ ހުއްދަ ބާތިލްވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ސުލޫކީ މިންގަނޑާ ޚިލާފްވެގެން އެފަދަ ވަކީލަކާ މެދު ބާ ކައުންސިލުން ފިޔަވަޅު އަޅައިފި ނަމަ ވެސް ބިދޭސީ ވަކީލުންގެ ހުއްދަ ބާތިލް ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ބިދޭސީ ވަކީލަކު ވަކާލާތު ކުރަން އެދޭ ބާވަތުގެ މައްސަލައަކީ ރާއްޖޭގައި އެކަމަށް ފަންނީ ވަކީލުން ނެތް ބާވަތުގެ މައްސަލައެއްތޯ އާއި މައްސަލަ ބަލާ ފަނޑިޔާރުގެ އިއުތިރާޒެއް އެކަމަށް އޮތްތޯ ބާ ކައުންސިލުން ބަލަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ހުއްދަ ނުދޭން ނިންމާ ނިންމުންތައް ބާ ކައުންސިލްގެ އިސްތިއުނާފް ކޮމެޓީގައި އިސްތިއުނާފް ކުރެވޭއިރު، ހުއްދަ ދީފި ނަމަ، އެ މައްސަލައެއް ހިނގާ ކޯޓަކަށް ބާ ކައުންސިލުން އެކަން އަންގަން ވެސް ލާޒިމްވެ އެވެ.

ބިދޭސީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ޝަރުއީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ނަގާނެ ފީތަކެެއްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000 ރުފިޔާ، ހައިކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 5،000 ރުފިޔާ އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ 10،000 ރުފިޔާގެ ފީއެއް ނަގާނެ އެވެ. ނަމަވެސް ބިދޭސީ ގާނޫނީ ވަކީލަށް ވަކާލާތު ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދޭ ހާލަތުގައި، ހުއްދަ އަލުން ދިނުމަށް އިތުރު ފީއެއް ނުނަގާނެ އެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން