އަލަނާސި ބޭނުންކޮށްގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ނޭފަތައްޖަހާ ސްޕްރޭ އެއް އުފައްދައި އޭގެ ތަހުލީލުތައް ކުރަމުންދާކަމަށް ޔުނިވާރސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ސައިންސްވެރިންނާ ހަވާލާދީ 9 ނިއުސް އިން ހާމަކޮށްފިއެވެ.

މިބޭހުގެ ތަހުލީލުތައް ކާމިޔާބު ވެއްޖެނަމަ ކޮވިޑް-19 އިން ސަލާމަތްވާން އެޅޭނެ ނުހިންމު ފިޔަވަޅަކަށް މިބޭސް ވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޭފަތަށް ޖަހާ މިސްޕްރޭ ތައްޔާރުކުރަނީ ބްރޯމެކް ކިޔާ ކެންސަރަށް ފަރުވާދޭ ބޭހަކާއި އަލަނާސީގައި އުފެދޭ އެންޒައިމް އެއްބޭނުންކޮށްގެން، ކޮރޯނާ ވައިރަސްގެ ޕްރޮޓީންތައް ވިރުވައިލާ ނައްތައިލުމަށެވެ. ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑުތެރެއަށް ވަންނަ ކޮރޯނާ ވައިރަސް ނައްތާލުމަށް ނޭފަތަށް މި ސްޕްރޭ ޖަހައިލުމުން ކޮރޯނާ ވައިރަސް ހަށީގަނޑުގެ އެހެން ބައިތަކަށް ފެތުރުން ހުއްޓުވައި ދޭނެ ކަމަށް ބޭސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތުން ބުނެފައި ވެއެވެ.

މި ސްޕްރޭގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވައިދީ، އަދި މިވައިރަސްގެ ސަބަބުން މީހާގެ ހާލަތު ދަށަށްދިއުންވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށް މިސްޕްރޭ ތައްޔާރުކުރާ ސައިންސްވެރިން ބުނާކަމަށްވެސް 9 ނިއުސް އިން ހާމަކޮށްފައި ވެއެވެ. މި ސްޕްރޭގެ ސަބަބުން ފްރަންޓްލައިންގައި މަސައްކަތްކުރާ، ހާއްސަކޮށް، ކޮވިޑް-19 އަށް ހޮސްޕިޓަލްތަކުން ފަރުވާދެމުންދާ ޑޮކްޓަރުންނާއި ނަރުހުން މިބަލިން ރައްކާތެރިވެ ތިބުމަށް ލިބޭ އެހީތެރިކަމަކަށްވާނެއެވެ.

އޮސްޓްރޭލިޔާގައި ތައްޔާރުކުރާ މި ސްޕްރޭ މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ އުންމީދުގައި، މި ސްޕްރޭގެ އަޖުމަ ބަލަން ޖަހައިގެން ކުރަން ޖެހޭ ތަހުލީލުތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ޔުނިވާރސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ސައިންސްވެރިންބުނެއެވެ. އަދި މިހާތަނަށް ލިބިފައިވާ ނަތިޖާތަކުން މިސްޕްރޭއަކީ ކާމިޔާބު ވާނެ ބޭހަކަށްވުމުގެ ބޮޑު ފުރުސަތު އެބައޮތްކަން ހާމަވެފައިވާ ކަމަށްވެސް ސައިންސްވެރިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން