ރައީސް ނަޝީދާއި ބޮޑުވަޒީރު މޯދީ
ރައީސް ނަޝީދާއި ބޮޑުވަޒީރު މޯދީ
ދިވެހިންގެ ތަނަވަސްކަން ހޯދޭނީ އިންޑިއާއެކު ގުޅުން ބަދަހިކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާއިއެކު ގެންގުޅެގެން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެ ކަމީ އެމަނިކުފާނުގެ ހިތުގައި ޝައްކު ހިނގާނޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިޔާއާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކޮށްފައެވެ. އެގޮތުން ހިލޭ އެހީއާއި ލޯނުއެހީވެސް މިސަރުކާރަށް އެންމެ ގިނައިން ދީފައިވާ އެއް ގައުމަކީ އިންޑިއާއެވެ. މިފަހުންވެސް އިންޑިއާއިން ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން، ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާއިރު އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 1.75 ޕަސެންޓްގެ އިންޓަރެސްޓުގައި 20 އަހަރުން ދައްކާ ގޮތަށް ދޭ ލޯނެކެވެ. އަދި ބްރިޖް މަޝްރޫއަށް ދިން 500 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ ފައިސާ އަކީ ލޯނެކެވެ.

މި އެހީގެ އިތުރަށް ވެސް އިންޑިއާއިން ރާއްޖެއަށް ދޭ ކްރެޑިޓްލައިނެއްގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައި ވެއެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު ކުރެވެމުންދާ އެންމެ ވާދަވެރި ބަހުސަކީ އިންޑިޔާއިން ދޭ އެހީއާއި އިންޑިއާއާއެކު މިސަރުކާރުން ބާއްވާ ގުޅުމާއި މެދު ކުރެވޭ ބަހުސެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުންނަމަ މި ސަރުކާރަށް އިންޑިއާއިން ދޭ އެހީތަކާއި ބާއްވާ ގޮތްނޭނގޭ ގުޅުންތަކުގެ ފަހަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ކަންތައްތަކެއް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން