ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި އަނަސް އަބްދުއް ސައްތާރު (ވ).
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި އަނަސް އަބްދުއް ސައްތާރު (ވ).
ރައްޔިތުން ގޭގައި ކުރާ ބުރަ މަސައްކަތް ހުއްޓުވަން އުޅުމަކީ ރައްޔިތުން އިތުރަށް މާޔޫސްވާނެ ކަމެއްކަމަށާއި، އެފަދަ މިންގަނޑުތައް ތަންފީޒު ކުރުން އިންސާފުވެރިނޫން ކަމަށް އެމްޑީޕީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަދި މާލޭ ސިޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް މިހެން ވިދާޅުވީ ގަވާޢިދުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ކާބޯތަކެތީގެ ވިޔަފާރި ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމާއި ގުޅިގެންނެވެ.

އަނަސް ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަކީ އުފެއްދުންތެރިކަމަށް ހިތްވަރުދީ، އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުން މުހިއްމުވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި ދިމާވެފައިވާ މާލީ ދަތިކަމާއި، މާޔޫސްކަން އިތުރުވާ ގޮތަށް މިންގަނޑުތައް ތަންފީޒު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.

"މި ދަތި ހާލަތުން އަރައިގަތުމަށް ރައްޔިތުން ގޭގައި ކުރާ އަމިއްލަ ބުރަ މަސައްކަތް ހުއްޓުވާލުމަށް ވުރެ އެކަށީގެންވާ ވަގުތު ދިނުމާއެކު ކާބޯތަކެތި ތައްޔާރު ކުރުމާއި، ޕެކޭޖް އަދި ޑެލިވަރީގެ ސަލާމަތީ މިންގަނޑުތައް އެކުލަވާލައި، އަމަލު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެޗްޕީއޭއަށް ގޮވާލަން." އަނަސް ވިދާޅުވިއެވެ.



އެޗްޕީއޭ އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެޖެންސީ އާއި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީނުކޮށް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާކަން ފާހަގަވެފައިވާ ކަމަށާއި، އެގޮތުން ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އުފައްދައިގެން އޮންލައިން ޕްލެޓްފޯމްތަކުގައާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އިއުލާނަކީ އެ ޖަމިއްޔާއިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެޗްޕީއޭއާ އެކު މިދިޔަ މަހުގެ 22 ގައި ބޭއްވި ބައްދަލުވުމެއްގައި އެ ޖަމިއްޔާއިން މި ކަމުގެ ޝަކުވާ ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން