ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނު، އައްޑޫ ސިޓީ ގަމާ ހަމައަށް ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހަދަން ތައްޔާރުވެއްޖެއެވެ.

މި ހަރަކާތަކީ ދުނިޔޭގެ ރެކޯޑު ގާއިމް ކުރުމަށް، އެންމެ ދިގު "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހެދުމުގެ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "އެކްރޮސް މޯލްޑިވްސް ޑައިވް" ހަރަކާތް ބާއްވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން މީގެ ފުރަތަމަ ފިޔަވަހި މިއަދު ހުޅުމާލެ ބީޗުގައި ވަނީ ފަށާފައެވެ. މި ފިޔަވަހި އިފުތިތާހު ކޮށްދެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އާ އީޖާދީ ވަސީލަތްތަކާ އެކު، ކަނޑުގެ ބޭނުން ހިފާ ތަން ފެންނަމުން އަންނަ ކަމަށެވެ. އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށާއި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މި ރެކޯޑް ގާއިމުކުރަން ރާއްޖޭގައި ބާއްވާ ހަރަކާތް ނިމޭއިރު، ޓޫރިޒަމުން ރާއްޖެ ތައާރަފު ނުވާ އެތައް ބަޔަކަށް ރާއްޖެ ތައާރަފުވެ، އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހަރަކާތް އިންތިޒާމު ކުރާ އޯޝަން ސިކްސް ފިފްޓީ އިން ބުނީ ފުރަތަމަ ރެކޯޑު އަންނަ ބުދަ ދުވަހު ހަދާނެ ކަމަށެވެ. އެއީ ހުޅުމާލެ އާއި ހުޅެލެ ވަށައިގެން 17 ކިލޯމީޓަރު ފީނައިގެން ހަދާ ރެކޯޑެކެވެ.

މި ހަރަކާތުގެ ތެރެއިން ދެވަނަ ރެކޯޑު ހެދުމަށް ނިންމާފައި ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފީނައިގެންނެވެ. އަދި މި ހަރަކާތުގެ ތެރެއިން ޖުމްލަ 4،600 ކިލޯ މީޓަރަށް ޑައިވް ކުރާއިރު އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށް ވާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން