ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް - ފޮޓޯ: ސޯޝަލް މީޑިއާ
ކޯވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި ހުރި ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޫކުރަން ނިންމާފައިވީ ނަމަވެސް ގެސްޓް ހައުސްތައް ހުޅުވައި ހިދުމަތްދޭ ރަށްތަކުގައި ކަރަންޓީނު ފެސިލިޓީއެއް ހުންނަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ހިންގާ ރަށްތަކުގައި އެރަށްތަކުގެ ރައްޔިތުންގެ ސަލާމަތީ ކަންކަމަށް އިސްކަން ދޭން ޖެހޭ ކަމަށާއި އެރަށްރަށުގައި އެ ވިޔަފާރި ހިންގޭނީ ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ.

އެގޮތުން އެރަށަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ކިބައިން ކޯވިޑް-19 ގެ އަލާމާތްތަކެއް ފެނިއްޖެ ހާލަތެއްގައި ކަރަންޓީނު ކުރެވޭނެހެން ފެސިލިޓީއެއް ގާއިމު ކުރެވިފައި ހުންނަން ޖެހޭނެ ކަމަށާއި ރަށުގައި ޓާސްކު ފޯހެއް އެކުލަވާލައި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ކަރަންޓީނު ފެސިލިޓީގެ އިތުރުން ސިއްހީ މަރުކަޒުތަކުގައިވެސް ކުއްލި ހާލަތެއްގައި އައިސޮލޭޓް ކުރެވޭނެ އިންތިޒާމުވެސް ހުންނަން ޖެހޭނެ ކަމަށާއި ފަތުރުވެރިން ގޮވައިގެން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުވެސް ހަމަ ޖައްސާފައި ހުންނަން ޖެހޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ. އަދި ގެސްޓް ހައުސްތަކުގައި އިޖުތިމާއީ ގައިދުރުކަން ހުރުމާއެކު، ރެސްޓޯރެންޓްގައި ވެސް އެގޮތަށް އިންތިޒާމް ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާލަން ނިންމާފައިވީ ނަމަވެސް، މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރަށް ބަލާފައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެސްޓްހައުސްތައް ނުހުޅުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ގެސްޓްހައުސް ހުޅުވަން ހުއްދަ ދޭނީ ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް ގެސްޓްހައުސްތަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ޕްލޭން އެޕްރޫވް ކުރުމަށް ފަހުގައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން