ސަރުކާރުން މާލެ ސަރަހައްދުގައި ހިންގާ ތިލަމާލެ ބުރިޖްގެ މަޝްރޫއުގެ މަސައްކަތް ބަލަން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅަކު ވަޑައިގެންފިއެވެ.

އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ ކޭ މެނަން ތިލަމާލެ ބުރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލައްވާފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރެއްވި މި ޒިޔާރަތުގައި ސުޖާ ކޭ މެނަންއާއެކު ބުރިޖުގެ މަސައްކަތް ބައްލައިލެއްވުމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މި ދަތުރުގައި ބުރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ދިވެހި ސަރުކާރުން ބުނީ އިންޑިޔާ ސަރުކާރުގެ ފަރާތުން ޒިޔާރަތްކުރި ވަފުދުގައި އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަވައްޓެރި އިންޑިއާ ސަރުކާރުގެ އެހީގައި ހަދާ ތިލަމާލެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން