ތިން ވަނަ ކްލައިމެޓް އެކްޗަން ޕްލޭން ހިއްސާ ކުރުމަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން
ތިން ވަނަ ކްލައިމެޓް އެކްޗަން ޕްލޭން ހިއްސާ ކުރުމަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން
ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ލީޑާޝިޕް ދައްކުވައިދޭ ޕްލޭނެއް ކަމަަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވައިރަމެންޓު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި އެކްޝަން ޕްލޭން ހިއްސާ ކުރުމަށް މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ މުސްތަގްބަލް ބައްޓަން ކުރުމުގައި ތިންވަނަ އެކްޝަން ޕްލޭންގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ މި ޕްލޭން އެކުލަވާލުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ހާމަކޮށްފައި ވެއެވެ.

އެގޮތުން މިނިސްޓަރ ވަނީ މި ޕްލޭން އެކުލަވާލުމުގެ މަރުހަލާ ތަކުގައި ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް، ކޮންސަލްޓޭޝަންތައް ކުރިއަށް ގެންދެވިކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން މި ޕްލޭންގައި ބަޔާންކޮށްފައިވާ ނޭޝަނަލް އަދި ސަބް ނެޝަނަލް އެމްބިޝަންތަކާއި އަމާޒުތައް ދެނެގަތުމަށްޓަަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯކްޝޮޕްތައް ބޭއްވިކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއިން ޖައްވަށް ވިހަ ގޭސް ބޭރު ކުރާވަރު ކުޑަވީނަމަވެސް، މި ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެއް ކަމަށެވެ.

އަދި މި ޕްލޭންގައި ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތައް ހިމަނާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ވޯކްޝޮޕްގައި މި ޕްލޭންގައި ހިމަނާފައިވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް ބޭނުންކުރި މެތަޑޯލޮޖީގެ ތަފްސީލުތަކުގެ ފަންނީ ޕްރެޒެންޓޭޝަންތަކެއް ދައްކާފައި ވެއެވެ. އަދި ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި މުހިންމު ކްރޮސް ކަޓިންގ ދާއިރާތަކާ ބެހޭ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އޭގެ ތެރޭގައި ފައިނޭންސް، ޓެކްނޮލޮޖީ، ކްލައިމެޓްއެމްޕަވަރމަންޓް، ޖެންޑާ، ޗިލްޑްރަން އެންޑް ޔޫތު އަދި ކްލައިމެޓް އެޑްވޮކޭސީ، އެޑިއުކޭޝަން އެންޑް އެވެއާނެސް ހިމެނެއެވެ.

ކްލައިމެޓް އެކްޝަން ޕްލޭންއަކީ ރާއްޖެއިން ބައިވެރިވެފައިވާ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ ޕެރިސް އެގްރީމެންޓުގެ ދަށުން ކޮންްމެ ގައުމަކުންވެސް ހުށަހަޅަންޖެހޭ ޕްލޭނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން