އެންޑީއޭގެ ޗެއާޕާސަން ލުބުނާ
އެންޑީއޭގެ ޗެއާޕާސަން ލުބުނާ
މަސްތުވާތަކެތިން ދުރުކުރުމަށް ދޭ ރީހެބް ފަރުވާއަށް މިހާރު ނުވެއްދި ތިބީ 100 އެއްހާ މީހުންކަމަށް ނެޝެނަލް ޑްރަގް އޭޖެންސީއިން ބުނެފި އެވެ.

ރީހެބްގެ ފަރުވާ ނަގަން ހުކުމް ކުރުމާއި އަމިއްލައަށް އެދިގެން ފަރުވާ ނަގަން ބޭނުންވިޔަސް ފަރުވާގެ ކިއު ދިގުކަމުން އެ ހިދުމަތް ލިބެން ގިނަ ދުވަސްވާތީ އެކަމުގެ ޝަކުވާ އޮވެއެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު ދައުލަތުގެ މީޑިއާގައި ރޭ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 700އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ.

ލުބްނާ ވިދާޅުވީ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބި 100 އެއްހާ މީހުން ފަރުވާގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

"ކޯޓުން ހަމަ ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުންދަނީ. ހުކުމްކުރާ ވަރަށް އަދި އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އެހާ ބޮޑެއް ނޫން. އެހެންނަމަވެސް ހުކުމް ކުރާ ސްޕީޑުގަ އަޅުގަނޑުމެންނަށް މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ހަމަ ވަރަށް އަވަސް އަވަހަށް ފަރުވާއަށް މީހުން ވެއްދޭތޯ އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ." ލުބްނާ ވިދާޅުވި އެވެ.

ލުބްނާ އިތުރަށް ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ހާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށާއި އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން