ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަތަކަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ބާއްވައިގެންކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިންގެ މިނިވަންކަން މިހާތަނަށްވެސް ދަމަހައްޓާފައިވަނީ ދިވެހިންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިިވެސް ދިވެހިންގެ މިނިވަންކަން ދަމަހައްޓާނީ ދިވެހިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާއި އަވަށްޓެރި އިންޑިއާއަކީ އަބަދުވެސް ގާތް އަހުވަންތަ ގުޅުމެއް އޮންނަ ދެޤައުމަށްވާއިރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއިމެދު ވަހުމްތައް އުފެދި ރައްޔިތުންގެ ހިތުގައި ސުވާލުތައް އުފެދިފައިވަނީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅި ވުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އެތައް ކަންބޮޑުވުންތަކާއި ސުވާލުތަކަށް ދިވެހި ސަރުކާރުން ޖަވާބު ދާރީނުވެ އަޑި ނޭގޭ ގޮތަކަށް ކަންކަން ކުރަމުންދިއުމަކީ މިހިސާބަށް ދާންޖެހުނު އެންމެބޮޑު ސަބަބުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ ދިވެހިން. އިންޑިޔާއާއި، މެދު ވަހުމުތައް އުފައްދަން ފަށާފައިވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން. ވަހުމުތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވުމަށް ގޮވާލަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި-އިންޑިއާ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީވެސް އިންޑިއާ-ރާއްޖެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.

"ރައީސް ސޯލިހު އާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެކަމީ އަޅުފަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން." ރާއްޖެއާއި އިންޑިއާގެ ދިދަ ހިމެނޭހެން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިންޑިއާ އާއި ދެކޮޅު ކެންޕެއިނެއް ސޯޝަލް މީޑީއާގައި ފޯރިގަދަވެފައިވާއިރު އިންޑިއާއަށް ތާއީދު ކުރާކަން ހާމަކޮށް ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީއަށް ނިސްބަތްވާ ގިނަ އެކްޓިވިސްޓުން ދަނީ ޓްވީޓް ކުރައްވަމުންނެވެ. މިފަދަ ސޯޝަލް މީޑިއާ ކެމްޕޭންތައް އެމްޑީޕީ އިދިކޮޅުގައި އޮތް އިރުވެސް ސޯޝަލް މީޑިއާގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން