އެސްޓީއޯ
އެސްޓީއޯ
މި ރަމަޞާން މަހު ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން މިހެން ބުނެފައިވަނީ އަންނަ ރަމަޟާން މަހަށް ތައްޔާރު ވުމަށް އެސްޓީއޯއިން ވަމުންދާ ހާއްސަ ތައްޔާރީތައް ހިއްސާ ކުރަމުންނެވެ.

އެގޮތުން އެސްޓީއޯއިން ބުނީ އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ކުރީގެ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރޭވިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެގޮތުން ކުރެވޭ ކަންތައްތަކުގެ ތެރޭގައި ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އެސްޓީއޯއިން ބުނީ ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައި ވާކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓް މި ފެބްރުއަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި، އެއައްފަހުވެސް ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން، އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް އެސްޓީއޯއިން ހަމަޖައްސާނެއެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަން ދެވޭނީ ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެތި ނެރުމަށެވެ.

އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ.

އޭގެ ތެރޭގައި އަސާސީ ކާބޯތަކެތި (ފިޔާ، ބިސް އަލުވި، ކާށި، ކަދުރު)، ތާޒާ ތަރުކާރީ އަދި މޭވާ (ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް،މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ)، ޕްރޮސެސްޑް ކާނާ (ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު)، އަދި ކެއްކުމަށް ބޭނުންކުރާތަކެތި (ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ) ހިމެނެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކުވެސް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ޚާއްޞަ ތައްޔާރީތަކެއް ވަމުން އާދެއެވެ. ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މަހަކަށްވުމާއެކު، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ މައްސަލަތަކެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ފޯރުކޮށްދޭނެ ކަމަށާއި، މާކެޓްގައި ސަޕްލައި ގެޕެއް ނުވަތަ ޝޯޓޭޖެއް ފަހިވުމުގެ ސަބަބުން އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ނުޖެހޭނެ މިންވަރަށް ތައްޔާރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން