ބާރަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ މާލޭގެ އެކުވެނި ޓްރެކް ފުލުހުންގެ ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާ ހަވާލުކޮށްފައިވާ ގޮތެއް ހާމަކޮށްދިނުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ގޮވާލައްވައިފިއެވެ.

ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި ސިންތަޓިކް އެޅުމަށް ފުލުހުންގެ ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއި ހަވާލުކޮށްފައިވަނީ ބުދަ ދުވަހުއެވެ. މިމަސައްކަތް ހަވާލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މަޝްރޫޢު ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްތޯ ނުވަތަ ނޫންތޯ ހާމަކޮށްދޭންޖެހޭކަމަށެވެ.

ސަރުކާރުން ހިންގާ މިފަދަ ބޮޑެތި އަދަދުން ފައިސާ ހިމެނޭ މަޝްރޫއުތައް ވަކި ބަޔަކާއި ނުވަތަ ވަކި ޕާޓީއަކާއި ހަވާލުކުރުމަށް ވަކި އުސޫލުތައް ހަަޖެހިފައިވާއިރު މިމަސައްކަތް ހަވާލު ކުރެވިފައިވަނީ މީގެ ތެރެއިން ކޮން އުސޫލަކުންތޯ ޔޫތު މިނިސްޓްރީން ހާމަ ކޮށްދޭން ޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިޑްނުކޮށް ސަރުކާރުގެ މިފަދަ މަޝްރޫޢުތައް ހަވާލުކޮށްފައިވާނަމަ މިއީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއްކަމަށެވެ.

"މި މަސައްކަތް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަނާ ހަވާލުކުރީ އާންމު އުސޫލުން ބިޑުކޮށްގެންކަން ނުވަތަ ނޫންކަން ތިޔަ އާންމުކުރައްވާ މައުލޫމާތުގައި ހިމަނާލުން މުހިންމު. ބިޑުނުކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް އެކިފަރާތްތަކާ ހަވަލުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެކަމެއް." އުޝާމް ވިދާޅުވިއެވެ.

ފުލުހުންގެ ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އަށް ހަވާލުކޮށްގެން އެކުވެނީގައި އެޅުމަށް ހަމަޖެހިފައިވާ ސިންތަޓިކް ޓްރެކްގެ ފުރަތަމަ މަރުހަލާގެ މަސައްކަތަކީ ސީއެސްއާރުގެ ދަށުން ހިލޭ ސާބަހަށް ކުރެއްވި މަސައްކަތެއްކަމަށް ވަޒީރު މަހުލޫފް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ޕޮލްކޯއާއި ހަވާލުކޮށްފައިވާ ސިންތަޓިކް އެޅުމުގެ މަސައްކަތަކީ 12،543،231.70(ބާރަ މިލިއަން ފަސް ސަތޭކަ ސާޅިސް ތިން ހާސް ދުއިސައްތަ ތިރީސް އެއް ރުފިޔާ ހަތްދިހަ ލާރި) ރުފިޔާ ޚަރަދު ކޮށްގެން 2 މަސް ދުވެހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ހިންގާ މިފަދަ ބައެއް މަޝްރޫޢުތައް ބިޑްކުރުމަކާއި ނުލައި ވަކި ބަޔަކަށް ހަވާލުކޮށްގެން މަސައްކަތް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. ކޮރަޕްޝަނަށް އޮންނަ ހިރާސްތައް ކުޑަކުރުމަށްޓަކައި މިފަދަ ޕްރޮޖެކްޓްތައް މާލިއްޔަތު ގަވާއިދުގެ ތެރެއިން އެ ވުޒާރާއަކުން އިއުލާންކޮށް ބިޑް ކުރުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ބިޑްގެ މަރުހަލާ ނިންމުމަށްފަހު ނޫނީ މަސައްކަތް ހަވާލު ނުކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ސަރުކާރުގެ ވުޒާރާތަކަށް އަންގާފައެވެ.

ކޯވިޑް19 އާއި ގުޅިގެން ކުރެވުނު ބައެއް ހޭދަތަކުގައިވެސް ބިޑްކުރުމަކާއި ނުލައި ބައެއް ތަކެތި ގަތުމަށް ހަވާލުކުރުމާއި، އަދި ބައެއް ވުޒާރާތަކުގެ ބިޑްކޮމިޓީން އަދާކުރަންޖެހޭ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްވެސް ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ކިނބޫ

06-Sep-2020

ރީލޯޑޭ ކާލީ. ބޮޑު ވަގެއް.



ޓްރެންޑިން