މަޑަވެލީގައި އައިސްޕްލާންޓް ޤާއިމްކުރުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު، ޖުލައި މަހުގެ ތެރޭގައިވެސް މިނިސްޓަރ ޒަހާއާއި ހިއްސާ ކުރެއްވިކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ގދ. މަޑަވެލީގައި އައިސް ޕްލާންޓެއް އަޅާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެ ވަޑައިގެންނެވިކަން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ސޯޝަލް މީޑީޔާގައި އަދިވެސް ދަނީ ބަހުސް ކުރެވެމުންނެވެ. މިނިސްޓަރ ޒަހާ އެދުވަހު މަޖިލީހުގައި މިކަން އެގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުމުންވެސް ފިރުޝާންވަނީ ނިޒާމީ ނުކުތާ ނަންގަވައި މިނިސްޓަރގެ ވާހަތައް ދޮގު ކުރައްވާފައެވެ.

މިމަސައްކަތް ނުކުރެވި ލަސްވާ ސަބަބާއި މިކަން ކުރެވޭނެ ދުވަހަކާއި ގުޅޭގޮތުން ދާއިރާގެ ރައްޔިތުން ތަކުރާރުކޮށް މެމްބަރާއި ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބެއް ހޯއްދެވުމަށް މަސައްކަތް ކުރަށްވަނިކޮށް މިނިސްޓަރ ޒަހާ ދެއްވި ޖަވާބުން ދާއިރާގެ މެމްބަރަށް ދަނީ އިތުރު ސުވާލުތައް ކުރިމަތި ކުރުވަމުންނެވެ. މިކަމުގައި މެމްބަރު ވިދާޅުވަނީ މިނިސްޓަރ ޒަހާއަށް ރައީސްގެ ވައުދު ފުޅުގެ ވީޑިޔޯވެސް ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ހިއްސާ ކުރައްވާފައިވާނެކަމަށެވެ.

"މިނިސްޓަރ ޒަހާ ދެއްވީ ޒިންމާދާރުކަން ކުޑަ ޖަވާބެއް. އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުގެ ވީޑިއޯ މިނިސްޓަރ ޒަހާއާއި ޖުލައި މަހުގައިވެސް ހިއްސާކުރިން." ފިރުޝާން ވިދާޅުވިއެވެ.

މަޑަވެލީގައި އައިސްޕްލާންޓެއް ގާއިމްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒުކުރެއްވުމަށް މިނިސްޓަރ މިހާތަނަށް ކުރެއްވީ ކޮންކަމެއްތޯ އޮޅުންފިލުވުމަށް އެދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ރައްޔިތުންގެ މަޖިލީހުގައި ކުރެވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޒަހާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެފަދަ ވައުދުފުޅެއް ވެވަޑައިގެންފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ވާހަކަ ރައީސް އޮފީހުން އަންގަވާފައި ނުވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

"މަޑަވެލީގައި އައިސްޕާލަންޓެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދު ވެފައިވާނަމަ އެކަން އަޅުގަނޑުޖެހޭނީ ބަލާލަން. ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ލިސްޓުގައި އެނަމެއްނެތް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާސީ ކެމްޕެއިންގައި މަޑަވެލީގައި ބޭއްވި ޖަލްސާގައި އެރަށުގެ މަސްވެރިންގެ އެންމެބޮޑު ކަންބޮޑުވުންކަމުގައިވާ މަސްވެރިންނަށް އައިސްޕްލާންޓެއް ޤާއިމްކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން މަޑަވެއްޔާއި އެދާއިރާގެ އިތުރުން އަތޮޅުގެ މަސްވެރިންނަށްވެސް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން