އަމިއްލަ މަސްލަހަތު އެއްފަރާތްކޮށްގެން ނޫނީ މުއައްސަސާގެ ހަގީގީ ދަރިއަކަށް ނުވެވޭނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާ ގުޅިގެން މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކޮންމެ އިންސާނީ މުޖުތަމައެއްގައިވެސް އެމުޖުތަމައު ބިނާވެފައި އޮންނަ ވަކި ހާއްސަ އަސާސް އަދި ބަހާތަކެއް އޮންނާނެކަމަށެވެ. އެއަސާސްތަކާއި ބަހާތައް ނެގެހެއްޓުމަށް ވަކި ހާއްސަ ބަޔަކަށް ހަވާލުކުރެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ނަމަ އެއީ ދިވެހި ފުލުހުންނާ ސިފައިންކަން ފާހަގަކުރައްވައި، އެ ދެ މުއައްސަސާ ނުލައި މި ލޮބުވެތި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު މުސްތަގިއްލު އަދި މިނިވަންކަމާއެކު ދެމިއޮންނަ ކޮންމެ މުޖުތަމައެއްގައި އަސާސީ އެއް ސިފައަކީ ވަޠަން ދެކެ ލޯބިވުންކަމަށާއި މިފަދަ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފެއްގެ އެންމެ އަސާސީ ސިފައަކީ މުއައްސަސާއާއި ވަޠަން ދެކެ ލޯބިވުންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަމިއްލަ ނަފްސަށް ވުރެ، އަމިއްލަ މަސްލަހަތަށްވުރެ މުއައްސަސާގެ މަސްލަހަތާއި ލޯބި އިސްކުރެވިގެން ނޫނީ މުއައްސަސާގެ ހަގީގީ ދަރިއަކަށްވުމުގެ ސިފަ ފުރިހަމަ ނުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މިފަދަ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ކިބައިގައި އެސިފަ އިސްވާނެކަމަށާއި މިފަދަ މުއައްސަސާތަކަށް ގައުމީ ނުވަތަ ވަޠަނީ މުއައްސަސާތަކޭ ކިޔަނީ އެހެންވެގެން ކަމަށެވެ. އެހެންކަމުން މިފަދަ މުއައްސަސާއެއްގައި 25 އަހަރު، 20 އަހަރު ހޭދަކުރެއްވުމަކީ ބޮޑުކަމެއްކަމަށާއި އޭގެ އަގު ވަޒަންކުރަންޖޭކަމަށް ވިދާޅުވެ، ހިދުމަތުގައި ދިގު މުއްދަތެއްގައި ހޭދަކުރެއްވި މުވައްޒަފުންނަށް ސަރުކާރާއި ރައްޔިތުންނާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށާއި ފުލުހުންގެ ހިދުމަތަށް 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ މުވައްޒަފުންނަށް "ފުލުހުންގެ ވަޒީފާއިން ރިޓަޔަރކޮށް، އިނާޔަތް ހަމަޖެއްސެވި ޗިޓް" އަދި ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ލިބިލައްވާފައިވާ ކުލައާ މެޑަލް ހަވާލުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން