ޤާނޫނު އަސާސީ ކަށަވަރު ކުރާ ރައްޔިތުންގެ ހައްގުތައް ސަރުކާރަށް ކަށަވަރު ކޮށް ނުދެވޭނަމަ ރައްޔިތުންގެ އަތުން ދައުލަތަށް ޓެކްސް ނަގައިގެން ނުވާނެކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ ބޭބެ އިބްރާހިމް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އާންމު ގޭގޭގައި ހަދާ ކާބޯތަކެތި ވިއްކައި އެތަކެތި ފޯރުކޮށްދޭނަމަ ރަޖިސްޓްރީ ކުރަން ޖެހޭކަމަށް ބުނެ އެޗްޕީއޭއިން ނެރެފައިވާ ބަޔާނަށް ރައްދު ދެއްވައި އިބްރާހިމް އިސްމާއިލް، އިބުރާ ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަަމަށެވެ. އެކަންކަން ކަށަވަރު ނުކޮށްދެވޭނަމަ ރައްޔިތުންގެ އަތުން ދައުލަތަށް ނަގާ ޓެކްސް ނަގައިގެން ނުވާނެކަމަށް އިބްރާ ވިދާޅުވިއެވެ.

"ޤާނޫނު އަަސާސީގައި ބަޔާން ކޮށްފައި ހުރި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވޭނަމަ ރައްޔިތުން އަތުން ދައުލަތަށް އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެ." އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ހަނިވާގޮތަށް އެއްވެސް ގަވާއިދެއް އެއްވެސް ފަރާތަކަށް ނުހެދޭނެކަމަށެވެ. އަދި އެފަދަ ގަވާއިދެއް ހަދާނަމަ ފުރަތަމަވެސް ޤާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައިވާ ގޮތެއް ބެލުމަށްފަހު ނޫނީ ހާމަނުކުރުމަށް އިބްރާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އެޗްޕީއޭއަށް ހީވަނީ ރައްޔިތުންނަކީ އެމީހުން އަތުލަފި ކޮށްގެން ގެންގުޅެންޖެހޭ ބައެއްކަމަށް. އަހަރެމެންގެ ފޯނުން އަމިއްލައަށް ގުޅައިގެން އަހަރެމެން ދަންނަ މީހުން އަތުން އެއްޗެއް ގަންނަންވެސް އެޗްޕީއޭގެ ހުއްދަ ހޯދަންޖެހޭ؟ ޤަވާއިދު ކިޔުމުގެ ކުރިން ޤާނޫނު އަސާސީގެ 19 ވަނަ މާއްދާ ކިޔާބަލަ." އިބްރާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ "އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާއިރު ޤާނޫނަކުން ހުއްދަ ލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެނެއް ނުވާނެއެވެ. ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ." މިހެންނެވެ.

ކޯވިޑް19 އާއި ގުޅިގެން ރައްޔިތުންގެ ފުދުންތެރިކަން ދަށްވެ ލިބޭ އާމްދަނީ ހުއްޓި ނުވަތަ ވަރަށް ބޮޑުތަނުން ދަށްވެ، ވަޒީފާތައް ގެއްލުމުން ގޭގައިތިބެގެން ކާބޯތަކެތި ހަދައި ވިއްކައިގެން ގިނަބަޔަކު ދަނީ އާމްދަނީ ހޯދަމުންނެވެ. ނަމަވެސް ރެސްޓޯރެންޓް އެސޯސިއޭޝަނުން މައްސަލަ ޖައްސައިގެން މިކަން ބަދަލުކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީންވަނީ ގޭގޭގައި ކުރާ އަމިއްލަ މަސައްކަތްތަކަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެކަމަށް ބުނެ އެކަން ކުރުމަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ހިތްވަރު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙަސަން ސޮބާހު

04-Sep-2020

ޓެކުްސް ނަގަނީ ޤާނޫނަކުން އެކަން ސަރުކާރަށް ލާޒިމުކޮށްފަ އޮންނާތީ. އިބުރާގެ މައްޗަށް އެކަންފާސްކޮށްފަ އޮންނަ ނަމަ އިބުރާވެސް ޓެކްސްނަގާނެ. ޤާނޫނުގެ މައްޗަށް އަމުރުކުރަން ނުހަދާ. އެޤާނޫނުނޯންނަ ނަމަ ސަރުކާރަކަށް ޓެކުހެއް ނުނެގޭނެ. އިބުރާއަކީ ތިޔަފަދަ އަމުރު ކުރެވޭމީހެއްވިއްޔާ އެޤާނޫނު އުވާލަބަލަ. އޭރުން ސަރުކާރަކަށް ޓެކުހެއް ނުނެގޭނެ. އަދިއެނޫނަސް ރައްޔިތުންގެ ނަމުގަ ސަރުކާރަށް އަމުރުކުރެވޭ މަގާމެއްގައެއްނޫން އިބުރާ ހުރީކީ. ޜައްޔިތުން ތަމްސީލުކުރާނީ ސަރުކާރު. އިބުރާއެއްނޫން. ސަރުކާރު ހޮވާފަވަނީ ރައްޔިތުން. ދެނޯ?


-14

ޙަސަން ސޮބާހު

04-Sep-2020

ޓެކުްސް ނަގަނީ ޤާނޫނަކުން އެކަން ސަރުކާރަށް ލާޒިމުކޮށްފަ އޮންނާތީ. އިބުރާގެ މައްޗަށް އެކަންފާސްކޮށްފަ އޮންނަ ނަމަ އިބުރާވެސް ޓެކްސްނަގާނެ. ޤާނޫނުގެ މައްޗަށް އަމުރުކުރަން ނުހަދާ. އެޤާނޫނުނޯންނަ ނަމަ ސަރުކާރަކަށް ޓެކުހެއް ނުނެގޭނެ. އިބުރާއަކީ ތިޔަފަދަ އަމުރު ކުރެވޭމީހެއްވިއްޔާ އެޤާނޫނު އުވާލަބަލަ. އޭރުން ސަރުކާރަކަށް ޓެކުހެއް ނުނެގޭނެ. އަދިއެނޫނަސް ރައްޔިތުންގެ ނަމުގަ ސަރުކާރަށް އަމުރުކުރެވޭ މަގާމެއްގައެއްނޫން އިބުރާ ހުރީކީ. ޜައްޔިތުން ތަމްސީލުކުރާނީ ސަރުކާރު. އިބުރާއެއްނޫން. ސަރުކާރު ހޮވާފަވަނީ ރައްޔިތުން. ދެނޯ?



ޓްރެންޑިން