ކޯވިޑް-19 އާއި ގުޅިގެން އިތުރުކޮށްފައިވާ ކައުންސިލްތަކުގެ ދައުރުގެ ތެރޭގައި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭގޮތަށް ޤަވާއިދަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގައި އެލްޖީއޭގެ ރައީސް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކައުންސިލް ތަކުގެ މުއްދަތު ކޯވިޑް19 އައި ގުޅިގެން ދަންމާލަން ޖެހުމުން ވަގުތީ ޤާނޫނެއް ވަނީ އެކުލަވާލާފައެވެ. ލާމަރުކަީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ރައީސް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ މިޤާނޫނާއި، އަދި ހެދިފައިވާ ގަވާއިދުތަކުގެ އެންމެ ބޮޑު ބޭނުމަކީ މިހާލަތުގައިވެސް ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާއަދާކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ ގޮތަކަށް އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ނަމަވެސް މިއަދު ބައެއް ކައުންސިލްތަކުން ފެނިގެންދަނީ ޒާތީ މަސްލަހަތުގައި މަސައްކަތް ކުރެވޭތަންކަމަށެވެ. ވަކި ވަކި ކައުންސިލަރުންގެ މަސްލަހަތުގައި ކައުންސިލްތަކުގެ ރައީސް އަދި ނައިބް ރައީސުންގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުން ފަދަ ކަންކަން ކުރެވޭތަން ފެނިގެންދާކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޯޑުގެ ނިންމުމަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި މަޝްވަރާ ކުރެވިގެން ތިބޭފުޅުންގެ ޚިޔާލާއި އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް. ބޮޑަށް އިހުތިޔާރު އޮތްނަމަވެސް މަޝްވަރާގެ މަތީން ކަންކަންނިންމުމަށް އަޅުގަނޑުމެން ބޭނުންވަނީ. އެގޮތުން ވަގުތީ މުއްދަތުގައި ކައުންސިލްގެ ރައީސުންނާއި ނައިބް ރައީސުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނެގޭ ގޮތަށް ވިސްނުން އެބަހުރި." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިހާލަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށް ދިނުމުގައި މަސައްކަތް ކުރަންޖެހޭ ވަގުތަކަށްވާއިރު މިހާލަތުގައި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަންކަން ނުކޮށް އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރުކޮށް މިހާރު ތިއްބެވި ކައުންސިލަރުންނަށް ފުރުސަތެއް ދީފައި ވަނީ ކައުންސިލްތަކުގެ ތެރޭގައި ޒާތީމައްސަލަތައް އިސްކޮށް އެކަންކަމުގައި ވަގުތު ދުއްވާލަން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒުވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވި މިހާރު ތިއްބެވި ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޚާއްސަ ހާލަތުގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ދިނުމަށް ކަމުގައި ނިޔާޒް ވިދާޅުވިއެވެ. މިހާލަތުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަން ފުރިހަމަނުކޮށްދީ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލަތައް ނަގައިގެން އެކަންކަން ބެލުމަށް މަސައްކަތްކޮށް، އެކަންކަމާއި މެދު ފިޔަވަޅު އެޅުމުގައި އެލްޖީއޭގެ މަސައްކަތަށްވެސް ހުރަސް އެޅޭގޮތަށް ކުރެވޭ ކަންކަން ހުއްޓާލުމަށް އަލީ ނިޔާޒު ވަނީ ގޮވާލައްވާފައެވެ.

މިބައްދަލުވުމުގައި ބައެއް މެމްބަރުންވަނީ މިހާލަތުގައިވެސް މަސައްކަތް ނުކޮށް ޒިންމާދާރުކަމާއި އެކު މަސައްކަތް ނުކުރާނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ނެގެން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ގަވާއިދަށް ބަދަލު ގެންނަވާއިރު މިކަމަށް ވިސްނުމަށް ވަނީ ލަފާ ދެއްވާފައެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މަޝްވަރާއަށް އެލްޖީއޭއިން އެދިގެން މިއަދު ކޮމިޓީއަށް އައީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 ކައުންސިލަރުންގެ ތެރެއިން 8 ކައުންސިލަރުންގެ ވޯޓާއިއެކު ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް އެއްވެސް ހެއްކެއް ގަރީނާއެއްނެތް މައްސަލައެއްގެ އިންކުއަރީއެއް ގެންދާކަމަށްބުނެ އެލްޖީއޭއިން އެ ވޯޓު ހުއްޓުވުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަލީ އަހުމަދު

04-Sep-2020

ޢެންމެމީހަކަށްޓަކައި މުޅިޤައުމު ޤުރުބާންކުރަނީ ކައުންސިލްތަކަށް ބާރުތަށް މެކުހައް ކުކުރިއަށް ބާރަށް



ޓްރެންޑިން