ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް- ގޫގުލް އިމޭޖެސް
ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް- ގޫގުލް އިމޭޖެސް
ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި އިންވެސްޓަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދީ، އިންވެސްޓަރުންނާއި ގުޅިގެން ކުރިއަށްދާން ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައި ހުރި ވަރަށް ގިނަ ރަށްތައް އެބަހުރި ކަމަށެވެ. މީގެ ތެރޭގައި 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރަށްތައް ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރަށްތައް ސަރުކާރަށް އަނބުރާ ނެގުމުގެ ބަދަލުގައި، މި ރަށްތައް ފަތުރުވެރިކަމަށް ނުނެރެވި ހުރި ސަބަބުތައް ދެނެގަނެ އިންވެސްޓަރުންނަށް މަސައްކަތް ކުރިއަށްގެންދިޔުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް އެ ރަށްތަކުގެ މަސައްކަތް ނިންމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ބޮޑެތި މަސައްކަތްތަކަށް ނަގަންޖެހޭ ހުއްދަތައް ނެގުމާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްވެސް ވުޒާރާގެ ތެރޭގައި ލުއިފަސޭހަކުރުމަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެންމެ ފައިދާ ބޮޑު ވާނެ ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން