ޤަވާއިދު އެކުލަވާލި ފަހުން ފުރަތަމަ ފަހަރަށް ހޯމް ކަރަންޓީނާއި ޚިލާފުވި ދިވެއްސަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން އެކުލަވާލި އެކަހެރިކުރުމާއި، ކަރަންޓީން ކުރުމުގެ ޤަވާއިދާއި ޚިލާފްވެގެން ޖޫރިމަނާކޮށްފައިވަނީ ކ.ގުރައިދޫގައި ހޯމް ކަރަންޓީނާއި ޚިލާފުވި 39 އަހަރުގެ ފިރިހެނެކެވެ. އޭނާ 2500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ޤަވާއިދަށް ފުރަތަމަ އިސްލާހް ގެނެވި އެޤަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިގޮތަށް ޖޫރިމަނާކުރި ފުރަތަމަ މީހާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ގަވާއިދުގައި ބުނެފައިވަނީ ކަރަންޓީން ކުރާ މަރުކަޒުތަކާއި އެކަހެރިކޮށް ބަހައްޓާ މަރުކަޒުތައް ކަނޑައެޅުމުން ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން އެކަމަށް އިޖާބަދޭންޖެހޭނެކަމަށެވެ. އަދި އެކަމަށް އިޙްތިރާމްކޮށް ސިއްޙަތުގެ ނުރައްކާ ކޮންޓްރޯލްކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކޮންމެމީހަކުވެސް އެއްބާރުލުންދީ އިޖާބަދޭންޖެހޭނެކަމަށެވެ.

މި ޤަވާއިދުގައިވާގޮތުން އެކަހެރިވުމަށް އެންގުމުން އެކަމާއި ދެކޮޅުހަދާ ހުރަސްއަޅައިފިނަމަ އެއީ ޤާނޫނީ ކުށެކެވެ. މި އަމުރާއި ޚިލާފުވާ ފުރަތަމަ ފަހަރު 2500 ޖޫރިމަނާކުރާނެކަމަށް ޤަވާއިދުގައިވަނީ ބުނެފައެވެ. ދެވަނަ ފަހަރު 3500ރުފިޔާއިން އަދި އަމުރާ ޚިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ޤަވައިދުގައިވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން