އެމްޑަބްލިއުއެސްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑަބްލިއުއެސްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފެން ކުންފުނީގެ ހިޔާ ފްލެޓުތަކަށް އަންނަ އަހަރު ޖޫން ހިސާބުގައި ވަދެވޭ ވަރުވާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ހިންގާ ކުންފުނިތަކަށް ވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ހިއްކި ބިމުގައި ޓަވަރުތަކެއް އެޅުމުގެ ފުރުސަތު ދީފައެވެ. އެކުންފުނިތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީ ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވަނީ 384 އެޕާޓްމަންޓް ހިމެނޭ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ނިއްމާފައެވެ. މިމަސައްކަތް ކުރަނީ ފައިނޭންސް އުސޫލުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އާއި ހަވާލުކޮށްގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ 15 ބުރީގެ ދެ ޓަވަރުގެ ތެރެއިން އެ ކުންފުނިން އެންމެ ފުރަތަމަ މަސައްކަތް ފެށީ އެއް ޓަވަރު ނިންމަން ކަމަށެވެ. މިހާރު ހުރީ އެ ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމި 55 ޕަސެންޓާއި 60 ޕަސެންޓާއި ހަމައަށް މަސައްކަތް ނިމިފައި ކަމަށް ޝާހް ވިދާޅުވިއެވެ. އަންނަ އަހަރުގެ ޖޫން ހިސާބުގައި ފްލެޓަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންކްރީޓު މަސައްކަތް ނިމުމަށްފަހު ދެން ކުރިއަށްދާނީ އިމާރާތުގެ ރޭނުގެ މަސައްކަތް. މަސައްކަތް ޝެޑިއުލް ކުރެވިފައި އޮތް ގޮތުން އަޅުގަނޑުމެން މި ބަލަނީ މި މަސައްކަތް 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިމެނޭ ކަމަށް." ޝާހް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން އަޅާ ޓަވަރުތައް އަޅާ ސަރަހައްދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ސަރަހައްދެއް ކަމަށާއި ޓަވަރުތަކުގައި ހުންނަ އެޕާޓުމެންޓުތަކަކީ ސައިޒުގެ ގޮތުން ތަނަވަސް ތަންތަނަށް ވާނެ ކަން ޝާހު ފާހަގަކުރެއްވިއެވެ. ޝާހު ވިދާޅުވީ، އެކުންފުނިން އަޅާ މި ފްލެޓުތަކަށް ކުރިމަތިލީ 72 މީހުން ކަމަށާއި އެ އެންމެންނަށްވެސް މިހާރު ވަނީ ފްލެޓު ޔަގީންވެފައި ކަމަށެވެ. އަދި ކުރިމަތިލީ މީހުންގެ ތެރެއިން ގިނައިން ކުރިމަތިލާފައި ވަނީ ދެ ރޫމާއި ތިން ރޫމުގެ އެޕާޓްމަންޓުތަކަށް ކަމަށް ޝާހް ވަނީ ވިދާޅުވެފައެވެ.

ޝާހް ވަނީ ކޮޓަރިތަކުގެ ބޮޑުމިނުގެ ތަފްސީލްތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން އެއްކޮޓަރީގެ އެޕާޓްމަންޓް ތަކުގެ ބޮޑުމިނުގައި 393.95 އަކަފޫޓާއި 405.18 އަކަފޫޓު ހުންނައިރު ދެކޮޓަރީގެ އެޕާޓްމަންޓްގެ ބޮޑުމިނުގައި 692.63 އަކަފޫޓާއި 701.28 އަކަފޫޓާއި ދެމެދުގެ ބޮޑުމިން ހުންނާނެ ކަމަށް ޝާހް ވިދާޅުވިއެވެ. މީގެ އިތުރުން ތިން ކޮޓަރީގެ ބައިގައި 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެއް ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލެޓު ލިބޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުންދާ ކަމަށް ފެން ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން