ޕޮލްކޯ ފްލެޓުތައް
ޕޮލްކޯ ފްލެޓުތައް
ފުލުހުންގެ ފްލެޓުތަކާ ގުޅޭ މުހިންމު ލިޔެކިޔުންތައް ޕޮލްކޯގެ ސާވާގައި ނެތް ކަމަށް މިއަދު އޮޑިޓު އޮފީހުން ބުނެފިއެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއިން ހުޅުމާލޭގައި އަޅަމުންދިޔަ ފްލެޓުތަކާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓްމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފުލުހުންގެ ފްލެޓް އިމާރާތް ކޮށްފައިވާކަން ހާމަވެފައިވާއިރު، މި އޮޑިޓް ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ވަނީ ހާޒިރު ކޮށްފައެވެ.

އޮޑިޓު ރިޕޯޓާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ފްލެޓްތަކުގެ މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް އޮޑިޓް އޮފީހުން މަސައްކަތްކުރި ކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން ފޮލްކޯގެ އިސް ވެރިން މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހޯދަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޕޮލްކޯގެ ސާވާއަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އެ ލިޔެކިޔުންތައް މިހާރު ފެންނަން ނެތްކަމަށް ޕޮލްކޯއިން ބުނިކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އަދި ފުލުހުންގެ ފަރާތުން މިކަމާ ގުޅުންހުރި މައުލޫމާތު ލިބޭ ގޮތް ނުވުމުން، އެ ލިޔުންތައް ގެޒެޓު މެދުވެރިކޮށް ހޯދޭތޯ ބެލިކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. ނަމަވެސް ގެޒެޓުގައިވެސް އެ މައުލޫމާތުތައް ނެތުމުން، އެކަން ގޮސްފައިވާ ގޮތް ސާފު ނޫން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ އޮޑިޓު ރިޕޯޓު އާންމު ކުރުމާ ހަމައަށްވެސް މިކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ލިބިފައި ނުވާ ކަމަށާއި، އަދި އެ މައްސަލަ ރިޕޯޓުގައި ފާހަގަ ކުރަން ޖެހުނީވެސް އެކަމަކީ ތަހުގީގީ އިދާރާތަކުން އިތުރަށް ބަލަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ އޮޑިޓު ރިޕޯޓު އާންމު ކުރިފަހުން ޕޮލްކޯއިން އެކަމާ ގުޅުން ހުރި ބައެއް ސިޓީތައް އޮޑިޓު އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ޕޮލްކޯގެ ފްލެޓުތަކާ ގުޅިގެން ފާހަގަވި މައްސަލަތަކާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައެވެ.

މިދިޔަ މަހު ނެރުނު އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ޕޮލްކޯ ފްލެޓުތަކަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ސަރުކާރަށް 355 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަވާ ކަމުގައި ވެސް ބުނެފައިވެއެވެ.

އަދި މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މަޝްރޫޢުގެ މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ފައިދާވާގޮތަށް އަދި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ހިނގަމުންދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑާއި އިސްވެރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހުމާލުވެފައިވާތީ، އެފަރާތްތައް ޒިންމާދާރުކުރުވުމަށްވެސް އޮޑިޓް އޮފީހުން ވަނީ ގޮވާލާފައެވެ.

މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން