ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކު އައިއެމްއެފްގެ ވަފްދުން ބޭއްވި ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކު އައިއެމްއެފްގެ ވަފްދުން ބޭއްވި ބައްދަލުވުން
ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށް ރާއްޖޭން ރާވާފައިވާ ފިޔަވަޅުތައް ލަސްނުކޮށް ތަންފީޒުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލަައިފި އެވެ.

އައިއެމްއެފް އިން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިޞާދީ ކޮމިޓީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އައިއެމްއެފްގެ ވަފްދުގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މުޅި އިގުތިޞާދަށް އޭގެ މަންފާ ލިބެމުންދާ ކަމަށެވެ. އަދި ވެލާނާ އެއާޕޯޓު ހުޅުވުމުން އެ ކަމުގެ ފައިދާތައް އިގުތިޞާދަށް ކުރާނެކަން އެ އިދާރާގެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިޞާދު ފަސް އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށް އައިއެމްއެފްގެ ވަފްދުން ވަނީ ރާއްޖޭގެ އިޤްތިޞާދަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ވެސް ހާމަކުރަށްވާފައެވެ. އެގޮތުން ދަރަންޏާއި ހަރަދުތައް ބޮޑު ކަމަށާއި އެކަންކަން ރަނގަޅުކުރަން މާގިނަ ވަގުތު ނެތްކަމަށް ވަފްދުގެ ބޭފުޅުން ވިދާޅުވިއެވެ.

“ހަރުދަނާ ފިޔަވަޅުތައް އަވަސް ނުކޮށްފިނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދަރަންޏާއި ފިސްކަލް ޑެފިސިޓް ބޮޑުވެގެންދާނެ. މިކަން ކުރުމަށް ވަގުތު ވަރަށް ކުޑަ.” އައިއެމްއެފްގެ ވަފްދުން ފާހަގަ ކުރެއްވިއެވެ.

މިކަމަށް ޙައްލު ގެނައުމަށް އެންމެ މުހިންމު އެއްކަމަކީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާ ތަންފީޒުކުރުން އަވަސްކުރުން ކަމަށްވެސް އައިއެމްއެފްގެ ވަފްދުން މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ސަބްސިޑީ ނިޒާމު މިހާރު އޮތް ގޮތް ބަދަލުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭ ނިޒާމަކަށް ދާން ޖެހޭ ކަމަށާއި އެސްއޯއީތަކާއި އާސަންދަ ނިޒާމު ރިފޯމް ކުރުން އަވަސްކުރުމަށްވެސް ލަފާދެއްވިއެވެ.

އޭގެ އިތުރުން ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތައް ހުރިކަމަށާއި އެހެންކަމުން އެފަދަ މަޝްރޫޢުތައް ރީޕްރަޔޮޓޯރައިޒްކޮށް ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހޭކަމަށްވެސް އެ ވަފްދުގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މަރުކަޒީ ބޭންކުން ގެންގުޅޭ އެކްޓިވް މަނިޓަރީ ޕޮލިސީ ރަނގަޅު ކަމަށާއި ނަމަވެސް ދައުލަތުގެ ސެކިއުރިޓީތަކަށް އިންވެސްޓުކުރުން އިތުރުވުމަކީ ރިސްކް ބޮޑު ކަމެއްކަން އައިއެމްއެފުން ހާމަކުރެއްވިއެވެ. އަދި މިދިޔަ އަހަރު މާލީ ގާނޫނުތަކަށް ގެނައި ބަދަލުތައް ރަނގަޅުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އިންޑިޔާއިން މިދިޔަ އަހަރުގެ ފަހުކޮޅު ދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަދި ދަރަނި މެނޭޖްކުރުމުގެ ހާލަތަށް ކޮންމެވެސް ވަރެއް ލުޔެއް ލިބޭނެކަމަށް ވަފްދުގެ ބޭފުޅުން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން