އައްޑޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި 4 މީހުން
އައްޑޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި 4 މީހުން
އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އެމީހާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި 5 މީހުންގެ ތެރެއިން 4 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ އަންގަރާ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެ ތަނުން ބަޔަކު ނުކުމެގެން ފިލަން ދަނިކޮށް ފެނުނު ކަމަށެވެ.

އަދި އެކަން އިތުރަށް ބެލިއިރު 37 އަހަރުގެ މީހެއް ޖޯއްޔެއްގައި ބަނދެ، އޭނާގެ ބޯ ބާލައި، އަނިޔާކޮށްފައި އޮތް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރު ކުރި ކަމަށެވެ. އަދި އޭގެތެރެއިން 18 އަހަރުން މަތީގެ 4 މީހުންގެ މަޢުލޫމާތު ފުލުހުން މިއަދު ވަނީ ޢާއްމު ކޮށްފައެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އައްޑޫ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީޤާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދާއި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން އެވެ.

މިމީހުންގެ ތެރެއިން ސަމާޙް އާއި އަޝްރަފްގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު ޔައީޝް އާއި މާޒިންގެ ބަންދަށް ކޯޓުން ދިނީ 7 ދުވަހެެވެ. އަދި 15 އަހަރުގެ ކުއްޖާ ވަނީ އާއިލާއަށް ޙަވާލު ކޮށްފައެވެ.

ފުލުހުން ބުނީ މިއެންމެންވެސް ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން