ސިފްކޯގެ ފްލެޓުތައް- ގޫގުލް އިމޭޖެސް
ސިފްކޯގެ ފްލެޓުތައް- ގޫގުލް އިމޭޖެސް
ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ފްލެޓު މަޝްރޫއުގެ އޮޑިޓެއް ހަދައިދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިފިއެވެ.

މަޖިލީހުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސިފްކޯގެ ފްލެޓުތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް މާލިއްޔަތު ކޮމިޓީން އެދޭ ކަމަށެވެ.

އެގޮތުން މި އޮޑިޓު ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތުގެ ތެރޭގައި ފްލެޓް މަޝްރޫއަށް އެ ކުންފުންޏަށް އެކި ފަރާތްތަކުން ލިބިފައިވާ ފައިސާ އާއި މުޅި މަޝްރޫއުއަށް ސިފްކޯ އާއި ސަރުކާރުން ކޮށްފައިވާ ހަރަދުތައް ހިމަނަން މާލިއްޔަތު ކޮމިޓީން އަންގާފައި ވެއެވެ.

އަދި ނުދައްކާ ހުރި ބިލުތަކާއި މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަބް ކޮންޓްރެކްޓަރުންނަށް ދައްކާފައިވާ ފައިސާ އާއި މަޝްރޫއު ކުރިއަށް ގޮސްފައިވާ ގޮތްވެސް އޮޑިޓު ރިޕޯޓުގައި ހިމެނުމަށް ކޮމިޓީން އަންގާފައި ވެއެވެ.

އަދި މި އޮޑިޓުގެ މަސައްކަތް ނިންމައި، އެ ރިޕޯޓުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވޭނެ ތާރީހެއް އަންނަ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މަޖިލީހަށް އަންގައިދިނުމަށްވެސް ކޮމިޓީން އެދިފައި ވެއެވެ.

ސިފްކޯގެ ފްލެޓުތަކުގެ އޮޑިޓެއް ހަދަން މާލިއްޔަތު ކޮމިޓީން އެދިފައިވާއިރު، ޕޮލްކޯ ފްލެޓުތަކުގެ ކޮރަޕްޝަން މައްސަލައެއްވެސް މިހާރު އެސީސީ އިން ދަނީ ބަލަމުންނެވެ.

ޕޮލްކޯގެ ފްލެޓުތަކާ ގުޅޭ ގޮތުން ނެރުނު އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވާއިރު، އެ އޮޑިޓުގެ ރިޕޯޓު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން