އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގު - އެ ކުންފުނީގެ އޯޑީޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފައި
އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގު - އެ ކުންފުނީގެ އޯޑީޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފައި
އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ މީހުންނަށް ފައިސާގެ އެހީ ދިނުމުގައި ކުރަންނުޖެހޭ ޚަރަދުތަކެއް ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާސަންދަ އާއި އެންސްޕާއިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އިއްޔެ ޢާއްމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި ކޮވިޑާ ގުޅިގެން ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދަޢުލަތުން ކުރަން ނުޖެހޭ ޚަރަދު ތަކެއް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ޤައުމުތަކުގެ ބޯޑަރ ބަންދު ކުރުމުން އަމިއްލަ ގޮތުންނާއި އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ނާދެވި ހާލުގައި ޖެހި، ފައިސާގެ އެހީތެރިކަމަށް އެދުނު 418 މީހަކަށް 4.6 މިލިއަން ރުފިޔާ ދަޢުލަތުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އޮޑިޓް އޮފީހުން ބުނީ 30 ޖޫންގެ ނިޔަލަށް 26 ފަރާތަކުން އެނބުރި ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ ހޯދުމަކާނުލައި އެންސްޕާއިން 157,284 ރުފިޔާ، ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޓިކެޓްގެ ކޮޕީ ހޯދުމަކާ ނުލައި ފައިސާގެ އެހީ ދީފައިވާ ފަރާތްތަކަކީ ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކެއްކަމާއި، ފައިސާގެ އެހީ ދީފައިވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރުކުރެވެން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކަށް ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ތަފާތު ރޭޓަކުން ފައިސާ ދީފައިވާ ކަމަށާއި، އެގޮތުން ދެ މީހަކަށް އުސޫލާ ހިލާފަށް ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް އަދި ދެ މީހަކަށް ދޭންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި 30 ޖޫންގެ ނިޔަލަށް ތިން ފަރާތަކަށް 116,807 ރުފިޔާ އިތުރަށް ދީފައިވާ ކަމަށާއި، މިއީ ދައުލަތުން ކުރަން ނުޖެހޭ ހަރަދެއް ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު ލޮކްޑައުންގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީހުގެ ފަހުން ފައިސާގެ އެހީ ދީފައިވާ ކަމަށާއި، މިގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލްގައި ނިޔާވެފައިވާ ކަމަށާއި އެމީހާ ނިޔާވިކަން 16 އޭޕްރީލްގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވީ ނަމަވެސް އެ ފަރާތް ނިޔާވި ތާރީހުގެ ފަހުން 11 ދުވަހަށް އާސަންދަ ކުންފުންޏާއި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9,498 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ.

ބޭސްފަރުވާއަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އެނބުރި ނާދެވިފައިވާ ފަރާތްތަކަށް ފައިސާގެ އެހީ ދިނުމުގައި، އާސަންދައިންނާއި ފޮރިން މިނިސްޓްރީން އެއް ފަރާތަކަށް އެއް މުއްދަތަކަށް ފައިސާގެ އެހީ ދީފައިވާ ކަމަށާއި، އެގޮތުން ހަތަރު ފަރާތަކަށް 21,033 ރުފިޔާ އިތުރަށް ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ބައެއް އިދާރާތަކުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލްއަށް އެންގުމާ ގުޅިގެން އެ މަސައްކަތް އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ކުރަމުންނެވެ. އޭގެތެރެއިން ބައެއް ރިޕޯޓުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންތައްތައް އޭސީސީއާ ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން