ރެޖިސްޓަރ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް
ރެޖިސްޓަރ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް
އަލަށް ވިޔަފާރި އެއް ފެށުމަށާއި، ނަން ފާސްކުރުމަށް ދުވާލަކު 100 ފަރާތުން އޮންލައިންކޮށް ހުށައަޅަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް، މަރިޔަމް ވިސާމް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް، މަރިޔަމް ވިސާމް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާ ގުޅިގެން އަލަށް ވިޔަފާރި ރަޖިސްޓްރީ ކުރާ ފަރާތްތަައް މަދުވެގެންދިޔަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އިކޮންމިކް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފަސޭހަ ކަމާއެކު ޚިދުމަތް ލިބޭގޮތް ހެދުމުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުންނާއި ވިޔަފާރި އަށް ނަމެއް ފާސްކުރުމަށް ދުވާލަކު 100 އަށް ވުރެ ގިނަ ފަރާތުން އޮންލައިންކޮށް ހުށައަޅާ ކަމަށް ވިސާމް ވިދާޅުވިއެވެ.

"އަލަށް ވިޔަފާރި އެއް ފަށަން ވިޔަފާރި އަށް ބްރޭންޑިންގ މަގުސަދަށް ބަލާލި ނަމަވެސް ދުވާލަކު 100 ރަޖިސްޓްރޭޝަން އެބައާދޭ އަލަށް ނަމެއް ކިޔަން، ރަޖިސްޓްރީ ކުރުމުގެ ބޭނުމުގައި. އަދި ރަޖިސްޓްރީ ކޮށްފައި އޮތް ވިޔަފާރިއަކުން ކޮންމެވެސް އާކަމެއް ކުރުމުގެ ބޭނުމުގައި އެއީ، އަސްލު ބަލާކަމަށްވަންޏާ ފުދޭ ވަރަކަށް ގިނަ އަދަދެއް. އެއީ މާނަ އަކީ މިކަހަލަ މަސައްކަތްތައް ކުރަން އެކަމަށް ޝައުގުވެރިކަން ހުރެގެން ނިސްބަތުން ގިނަ ބަޔަކު ވިޔަފާރި ފަށަން ފުރަތަމަ މަރުހަލާގަ ކުރަން ޖެހޭ ކަންތައް އެބަކުރެޔޭ." ވިސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި، އެއީ ވަރަށް ހެއު ފާލެއް ކަމަށެވެ. ކޮންމެ ގައުމެއްގެ އިގްތިސާދުގައިވެސް މުހިންމު އެއް ބަޔަކީ އެކިކަހަލަ މަސައްކަތް ކުރާ މީހުން ކަން ވެސް ވިސާމް ވަނީ ފާހަގަކުރައްވާފައެވެ.

"އުފެދުންތެރިކަމަށް އެންމެ މުހިންމު ކަމަކީ އިގްތިސާދީގޮތުން އެމީހަކު ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ނުވަތަ ގޭގައި ކޮންމެވެސް މަސައްކަތެއް ކޮށްގެން ޕްރޮޑަކްޝަން ވޯކްފޯސްގައި އެމީހަކު ބައިވެރިވާ މީހަކަށްވުން، އެގޮތަށް ބަލާނަމަ ކޮވިޑާއި ގުޅިގެން ވެސް މީ ހަމަ ރަނގަޅު ފެށުމެއް." ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވިސާމް ވިދާޅުވީ ކޮވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދުވެސް ވަނީ ވަރަށް ބޮޑު ހީނަރު ކަމެއްގެ ތެރޭގައި ކަމަށެވެ. ކޮވިޑާއި ގުޅިގެން ބޮޑެތި ގައުމުތަކުގެ އިގްތިސާދަށް ވެސް ގުނޑުން އަރައިގެން ދިޔަ ކަމަށް ވިސާމް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ނުވާނެ އެހެން ގައުމުތަކުގެ އިގްތިސާދަށް ވުރެ އަވަހަށް ކުރިއަރައިގެން ދެވިދާނެ ކަމަށް ގަބޫލުކުރަން، އަޅުގަނޑުމެންޖެހޭ ނެޗްރަލް ކާވް ރިވައިސް ނުވަތަ ކުރީގެ ހާލަތަށް ރުޖޫއަވާއިރު އެބަޖެހޭ އެ ނެޗްރަލް ކާވް ފްލޯކުރަން." ވިސާމް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ 68 ޕަސެންޓު މީހުންގެ އާމްދަނީ މުޅިން ހުއްޓުނު ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހެދި ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް އިއުލާނުކޮށްފަ އެވެ. މި ރިލީފް ފަންޑުގެ ތެރެއިން، ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ކުދި ވިޔަފާރިތަކަށް ސަރުކާރުގެ މާލީ އެހީ ދެނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.ކޮވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން ދޫކުރަމުން އަންނަ ރިކަވަރީ ލޯން ސްކީމްގެ ދަށުން 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ 346 ފަރާތަކަށް 502.7 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން