މާރުކޭޓްގައި ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކަން އަތުރާލާފަ
މާރުކޭޓްގައި ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކަން އަތުރާލާފަ
ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކޮޮށް، ރަޖިސްޓަރީ ނުކުރާ އެފަދަ ވިޔަފާރިތައް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ނިންމައި ސަރުކާރުން ގަވައިދެއް އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށް އަދި އަންނަ މަހުން ފެށިގެން އަމަލުކުރާ، އެ ގަވާއިދުގައި ބުނެފައިވަނީތަނެއްގައި ތިބެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ވަގުތީ ގޮތުން އަދި ދާއިމީކޮށް ވިޔަސް ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ އެ ވިޔަފާރިއެއް، ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.

މިހާރު ހިންގާ އެފަދަ ވިޔަފާރިތައް ވެސް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ. އެފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް އާ ގަވައިދުގައި ބުނެފައިވެއެވެ. ގަވާއިދުގައި ބުނެފައިވަނީ ރަޖިސްޓަރީ ނުކޮށް އެފަދަ ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ގަވާއިދުގައި ބުނީ ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އަދި ވިޔަފާރިކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ނަމައެވެ. އެ މިންގަނޑަށް އެފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށް އާ ގަވާއިދުގައި ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން އެފަދަ ގަވާއިދެއް ހެދީ މާލެތެރޭގައި ބިދޭސީންނާއި އަމިއްލަ ބައެއް ފަރާތްތަކުން ތަކުރާރީ އާއި މޭވާ ވިއްކަން ޚާއްސަ މާރުކޭޓްތައް ހަދައި، އެފަދަ ތަކެތި ވިއްކަމުން ދަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން