ޑރ.އިޔާޒް އަބުދުލްލަތީފް
ޑރ.އިޔާޒް އަބުދުލްލަތީފް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ.އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ޗެނަލް 13 އިން ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ވާހަކަ އަށް އިޝާރަތްކުރައްވަމުންނެވެ. އެމައްސަލަ ފުލުހުންނާއި ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް މިހާރު ވަނީ ބަލަން ފަށާފައެވެ.

މިކަމާ ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އެމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"މިމައްސަލައަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ބައްލަވާ ޗެނަލް 13 އާއި މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމެއް." ހޯމް މިނިސްޓަރ ޓެގް ކުރައްވައި ޑރ. ޢިޔާޒް ވިދާޅުވިއެވެ.

މި ޓްވީޓްގައި އިޔާޒު ވިދާޅުވީ ޗެނަލް 13 އަކީ ވަރަށް ގިނަ ދިވެހިންގެ އަބުރު ކަތިލާފައިވާ ފިތުނަ ފަސާދަ އުފެއްދުމުގެ ބޮޑު 'އައްޑާ' އެއް ކަމަށެވެ. އަދި އިޔާޒް ވަނީ އެ ޗެނަލާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެެއްވި ފޭސްބުކް ޕޯސްޓެެއްގައި ވިދާޅުވީ މިނިވަންކަމުގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށެވެ. މިއީ މިނިވަން މީޑިޔާ އާއި ޚިޔާލު ފާޅުކުރުމުން ބޭރުވެ ހައްދު ފަހަނައެޅުން ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

" މިހިސާބަށް ކަންކަން ދިޔައީމަ ފިޔަވަޅު އަޅަންޖެހޭ." މަހުލޫފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލާ ޓެރަރިޒަމް އަށް ހިތްވަރު ދިނުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމެއް ނޫން ކަމަށެވެ.

" ގާނޫނު އަސާސީގެ 67 ވަނަ މާއްދާ އިން އެކަކުވެސް އިސްތިސްނާއެއް ނުވޭ، ޒިންމާ އަދާކުރައްވާ." ބްރޮޑްކޮމް އާއި ފުލުހުންނާއި ޕީޖީ ޓެގްކުރައްވައި އަލީ ސޯލިހް ވިދާޅުވިއެވެ.

ޗެނަލް 13 އިން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

ރައީސް ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޗެނަލް13 ގެ ޕްރޮގްރާމެއްގައި ގޮވާލާފައިވާއިރު މީހުން މެރުން، މާރަމާރީ، ޓެރަރިޒަމް ލޭއޮހޮރުވުން ފަދަ ޖަރީމާތައް މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމަށް ދޭހަވާ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓް ގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން