ރަނގަޅު ތަހުލީލު ތަކެއް ކޮށްގެން އުފައްދާފައިވާ ކޯވިޑް-19ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދެވޭނެކަމަށް ލަފާ ކުރެވެނީ 2021 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާން ތަރުޖަމާނު މާގަރެޓް ހެރިސް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ބޭނުންވާ ފެންވަރުގައި 50 އިންސައްތައާއި ގާތްކުރާ ވަރަށް ވެސް އެއްވެސް ވެކްސިނެއްގެ ތަހުލީލުތަކުގެ ނަތީޖާ ނުދައްކާ ކަމަަށެވެ.

2 މަސްދުވަހުގެ ތަހުލީލު ތަކަށްފަހު ރަޝިޔާއިން ކޮރޯނާވައިރަހާއި ދެކޮޅަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާއިރު މިވެކްސިންގެ ތަހުލީލުތައް ކޮށްފައިވަނީ ކުރު މުއްދަތެއްގައި ކަމަށް ވުމުން ހުޅަނގުގެ އެކި ގައުމުތަކުގެ މާހިރުން ވަނީ މިވެކްސިން ކާމިޔާބު ވާނެ ކަމާމެދު ސުވާލު އުފައްދައި ފާޑުކިޔާފައެވެ.

ނަމަވެސް އެމެރިކާގެ ބައެއް ސިއްހީ މާހިރުންނާއި ވެކްސިން އުފައްދަމުންދާ ފައިޒާ އިންކް ކުންފުނިން ބުނާގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި ވެކްސިން ލިބޭނެއެވެ. އެމެރިކާއިން އެހާ އަވަސް އަރުވާލައިގެން ނޮވެމްބަރު 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދިފާއީ ވެކްސިން އާންމުކޮށް ނެރެނީ އޭގެ ބޭނުން ހިފައިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ދެވަނަ ދައުރަކަށް ހޮވުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ފާހަގަ ކުރައްވާ ގޮތުގައި ވެކްސިން ތައްޔާރުކުރުމުގެ 3 ވަނަ މަރުހަލާ ދިގުވެގެން ދާކަމަށާއި، މިމަރުހަލާ ރަނގަޅުގޮތުގައި ފުރިހަމަ ކުރުމުން ވެކްސިންގެ ރައްކާތެރިކަމާއި ވެކްސިނުން ފައިދާކުރާ މިންވަރު ޔަގީންވާނެއެވެ.

ވެކްސިން އުފެއްދުމާއެކު ހަމަހަމަ ކަމާއެކު އެންމެންނަށް ވެކްސިން ފޯރުކޮަށްދިނުމާއި، ހައި ރިސްކު މީހުންނަށް އަވަހަށް ވެކްސިން ފޯރުކޮށްދިނުމަށް ސިއްހަތު ޖަމިއްޔާއިން މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ވެސް އެޖަމިއްޔާއިން ބުނެފައި ވެއެވެ. މީގެއިތުރުން ރައްކާތެރި ވެކްސިނެއް އުފެއްދުމަށް އެއްބާރުލުން ދީ އުފެއްދޭ ވެކްސިންގެ ތެރެއިން ކާމިޔާބުވެ ހުއްދަލިބޭ ވެކްސިން 2 ބިލިއަން މީހުންނަށް 2021 ވަނައަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަކީ މިހާރު ޖަމިއްޔާގެ މައިގަނޑު މަގުސަދު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެންމެން ގުޅިގެން ވެކްސިން އުފައްދައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރި ވުމަށް އެމެރިކާގެ އިތުރުން ބައެެއްގައުމު ތަކުން ވަނީ ދެކޮޅު ހަދައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން