ޤާނޫނު އަސާސީގެ ދަށުންނާއި އެންޓިޓޯޗަ ޤާނޫނުގެ ދަށުން ޤައިދީންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކުން މަހުރޫމްވާގޮތަށް ގަވާއިދު ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ފާޑުވިދާޅުވަމުން މުހުތާޒު ވިދާޅުވީ ގައިދީންނަށްވެސް ކަށަވަރުވާ އަސާސީ ހައްގުތަކެއް ވާކަމަށެވެ. އެހައްގުތަކުން މަހުރޫމް ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައި ގެނެވޭނެ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ޤަވާއިދުތައް ހައްދަވާއިރު ޤާނޫނު އަސާސީއާއި، ގައިދީންނާއި ގުޅޭ ޚާއްސަ އެންޓިޓޯޗަ ޤާނޫނުގައި ގައިދީންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަންހަނިވާ ގޮތަށް ގަވާއިދު ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް މުހުތާޒު ވިދާޅުވިއެވެ.

"ކަސްރަތު، ވަކީލު އަދި އާއިލީ ބައްދަލުވުން، ގޮޅީގެ އަލި ކަމާއި ވެންޓިލޭޝަން، މިއަސާސީ ޚިދުމަތުން ގައިދީން މަހުރޫމް ކުރެވޭގޮތަށް ގަވާއިދު ހެއްދެވުން ބަލައި ނުގަނެވޭ. ވަކީލު އަދި އާއިލީ ބައްދަލުވުމުން ގައިދީން މަހުރޫމު ކުރުވުމަކީ ޓޯޗަރގެ އަމަލެއްގެ ގޮތުގައި އެންޓިޓޯޗަރ ގާނޫނުގައިވޭ." މުހުތާޒު ވިދާޅުވިއެވެ.

އިއްޔެ އަމަކުރަންފެށި ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދުގައި ބުނާގޮތުން ގައިދީންގެ އަސާސީ ހިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތައް އެއްމަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު ކަމިޝަނާ އޮފް ޕްރިޒަންއަށް ދީފައިވެއެވެ. މީގެ ތެރޭގައި ކަސްރަތު ކުރުމާއި، އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުންވެސް ހިމެނިފައެވެ.

ބަންދުގައި ތިބޭ މީހުންނަށް އެމީހުންގެ އާއިލާތަކާއި ބައްދަލުކޮށްދިނުމާއި ވަކީލުންނާ ބައްދަލު ކޮށްދިނުމާއި، އެނޫންވެސް އިންސާނީ ހައްގުތަކާއި ގުޅުންހުރި ގިނަ ކަންކަން ކަށަވަރު ކޮށްދޭން ޖެހޭނެކަމަށް ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައިވެއެވެ. މިޤަވާއިދަށް ޤާނޫނީ ވަކީލުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ މިއީ ވަކި ސިޔާސީ މަޤްސަދެއްގައި ވަކި ކަމަކަށް އަމާޒުކޮށްގެން ހަދާފައިވާ ގަވާއިދެއްކަމަށެވެ.

ކަރެކްޝަނުން ކުއްލިއަކަށް ގައިދީންގެ ސްލޫކޭ ކިޔާފައި އާ ގަވާޢިދެއް އެކުލަވާލައިގެން ނެރެ އަމަލު ކުރަން ފަށާފައި މިވަނީ ޚާއްސަކޮށް މިހާރު ޖަލަށް ހުކުމް ކޮށްފައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކަރެކްޝަނުން ބުނެފައިވަނީ މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތާއި، ކުރުން މަނާކަންތައްތައް ކަނޑައެޅުމާއި، އެކަންކަން އަންގައި ދިނުންކަމަށެވެ. މި ޤަވާއިދު ފާސްކޮށް އަމަލުކުރަން ފެށުމާއި ގުޅިގެން، ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުޞޫލު ބާޠިލުވެގެންދާނެކަމަށް ކަރެކްޝަނުން ބުނެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން