ކޯވިޑް-19 އަށް ޕޮޒިޓިވްވި އެއް މަހު ކުއްޖެއްގެ ހާލު ސީރިއަސްވެ ލ. ގަމު ކޮވިޑް-19 ފެސިލިޓީގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މި ކުޑަ ކުއްޖާއަކީ ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި އޮތް ކުއްޖެކެވެ. އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމަ ދުވަހުއެވެ. އެ ކުއްޖާ އިތުރު ފަރުވާ ދިނުމަށް ގަމަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. އެ ކުއްޖާއަކީ މާލޭން ދ. ކުޑަހުވަދުއަށް ގޮސް އާއިލާއާއެކު ހޯމް ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު ޓެސްޓް ކުރި އިރު މިދިޔަ ހޯމަ ދުވަހު ޕޮޒިޓިވްވި ކުއްޖެކެވެ. އެކުއްޖާއާ އެކު މަންމަ އާއި ބައްޕަގެ އިތުރުން އާއިލާ އެހެން ކުއްޖަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އިތުރު އެއްވެސް ތަނަކު ފަރުވާ ދީފައި ނުވާއިރު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެ ކުއްޖާ އުޅުނީ ގޭގައި ކަމަށް ލ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އައިސީޔޫގައި އެ ކުއްޖާ އެޑްމިޓްކުރީ އެހާ ތުއްތު ކުއްޖަކަށް ވުމުން ކައިރިން މޮނިޓަރކުރުމުގެ ގޮތުން ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޯވިޑް-19 ޖެހޭ ދިވެހިންގެ އަދަދު މިހާރު އިތުރުވާން ފަށާފައިވާއިރު އެ ބަލިޖެހޭ ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންގެ އަދަދު ވެސް އަންނަނީ އިތުރަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ޖުމްލަ 8361 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5221 މީހުންނަކީ ދިވެހިންނެވެ. އަދި 3150 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2684 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 162 މީހަކަށް ފަރުވާ ދެމުންދަކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން