އަހުމަދު މަސްނޫމް   5 ސެޕްޓެމްބަރު 2020 - 23:20
އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަކަމަށް އެކުންފުނިން ބުނެފިއެވެ.

މިއަދު ބައެއް މީޑިއާތަކުގައި އެސްޓީއޯގެ ދަށުން ތެލުގެ ވިޔަފާރިކުރާ ކުންފުނި، ފިިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްއިން ބަލްކްކޮށް ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައިވާކަމަށް ވަނީ ހަބަރުތައް ފަތުރާފައެވެ. ނަމަވެސް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެފްއެސްއެމްއިން ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެސްޓީއޯ އިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަނީ ގަނޑުކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެ ކުންފުނިން ނެރެފައިވާ ނޯޓަކާ ހަވާލާދީ ބުނާ ގޮތުން ޑީސަލް ލީޓަރަކުން 35ލ. އަދި ޕެޓްރޯލް ލީޓަރަކުން 29ލ. ބޮޑުކޮށްފައިވާ ކަމަށެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މާޗް މަހު އެވެ. ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަ ރަކުން 1.53ރ. ހެޔޮ ވެގެން ދިޔަ އެވެ. މި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.

މިދިޔަ މާރޗްމަހު އެފްއެސްއެމްއިން ވަނީ ބާޒާރުގައި ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފައެވެ. މިގޮތުން ޑީސަލްގެ އަގު ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 53 ލާރި ވަނީ ހެޔޮ ކޮށްފައެވެ. މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އޭރު އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ލިބެން ހުރީ 8 ރުފިޔާ 7 ލާރި އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 8 ރުފިޔާ 71 ލާރި އަަށެވެ.

މިއީ މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ހެޔޮކުރި ހަތަރު ވަނަ ފަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން